English Edition
Dhivehi Edition
27 ޖުލައި 2018 - 27 ޖުލައި 2018 ގައި ހިފި ހަނދު ކޭތަ ނަމާދު މާލޭ އިސްލާމީ މަރުކަޒުގައި ކުރަނީ - ފޮޓޯ: އަވަސް

އިމާމުން ޖިންސާއި ޓީޝާޓު ފަދަ ތަކެތި ލައިގެން އިމާމުވެ ނަމާދުނުކުރެވޭ ގޮތަށް އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަޔާންކޮށް, އުސޫލުން އެކުލަވާލައިފިއެވެ.

މި އުސޫލުގެ ބޭނުމަކީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވައިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ބައެއްކަން ކަށަވަރުކުރުމެވެ. މި އުސޫލުގައި ބުނެފައިވަނީ ރަސްމީ ގަޑީގައި ހެދުން އަޅަންވާނީ އިސްލާމީ މުޖުތަމައު ބަލައިގަންނަ އަދި އިމާމުވެ ނަމާދުކުރުމަށް އެކަށީގެންވާ ފަދަ ގޮތަކަށް ކަމަށެވެ. އަދި ޖިންސާއި ޓީޝާޓު ލައިގެން ނަމާދު ނުކުރުމަށާއި ގަޔަށް ބާރު ހެދުން ލައިގެން އިމާމުވެ ނަމާދު ނުކުރުމަށް ވެސް އުސޫލުގައިވެއެވެ.

ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އެޅުމަށް ފަރުވާތެރިވުމަށްވެސް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އިމާމުންނާއި މުދިމުންނަކީ ސާފުތާހިރުވެގެން ތިބޭ ބަޔަކަށްވުމާއި މިސްކިތަށް އަންނަ ފަރާތްތަކާއި މުޖުތަމައުގެ އާންމު ފަރުދުންނާއި މުއާމަލާތްކުރުމުގައި އިޖުތިމާއީ ހަމަތަކުގެ މަތިން ރީތި ބަހުން ވާހަކަ ދެއްކުމަށް ވެސް އުސޫލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން މި އުސޫލުގައި ބުނެފައިވަނީ އެެހެން މީހުންނަށް ނަމޫނާ ބަޔަކަށް ވުމުގެ އިތުރުން ރަސްމީ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކުން ނުވަތަ ދައްކާ ވާހަކައަކުން ވެސް އިމާމުންގެ ގަދަރާއި ހައިބަތާއި އިތުބާރު ގެއްލޭ ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެކަމަށެވެ. އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމާއި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އަދި ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލުކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑު ހިފެހެއްޓުމަށް ވެސް އެދިފައިވެއެވެ.