English Edition
Dhivehi Edition

މިހާރު ކުރިއަށްދާ ކޮޕް 29 ގެ ސައިޑް އިވެންޓެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހިމާލަޔާ ފަރުބަދަތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމަށް ފަންޑެއް ގާއިމްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވައިފިއެވެ.

“މައުންޓެއިންސް އިން ޕެރިލް: އެޑްރެސިންގ ލޮސް އެންޑް ޑެމޭޖް އިން ދަ ހިމާލަޔާސް” ގެ ނަމުގައި ބޭއްވުނު މި ސައިޑް އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާރޖީ، ޠާރިޤް އިބްރާހީމެވެ. މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހިމާލަޔާ ފަރުބަދަތަކަށް ލިބެމުންދާ ގެއްލުންތަކަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށާއި، މިކަމަށް އަވަސް ހައްލެއް ހޯދުމަކީ މުހިންމު ކަމެއް ކަމުގައެވެ. އަދި މިފަދަ ގެއްލުންތަކަށް ބަދަލު ދިނުމަށްޓަކައި ފަންޑެއް ގާއިމްކޮށް، އެ ފަންޑު އަވަހަށް ހިންގަން ފެށުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މިފަދަ ގެއްލުންތަކަށް ބަދަލު ދިނުމުގެ މުހިންމުކަން ރާއްޖެއިން އަބަދުވެސް ފާހަގަކުރަމުން އަންނަ ކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. ކޮޕް 29 ގައި ރާއްޖެއިން ބައިވެރިވެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖޭގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު، މި ބައްދަލުވުމުގައި އިތުރު ގިނަ ޤައުމުތަކަކުން ވެސް މިފަދަ ގެއްލުންތަކަށް ބަދަލު ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.