ރާއްޖެއަށް ވަކި އިންތިޒާމެއްގެ ތެރެއިން ބޭސް އެތެރެކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ފައިދާ އަންނަ އަހަރުން ފެށިގެން ފެންނާނެކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ނައިބު އަހްމަދު ސައީދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އާސަންދައިން ހިންގަމުންދިޔަ ބޮޑެތި އިސްރާފުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށެވެ. މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު އަންނަ އަހަރު ހެޔޮ ބަދަލެއް ފެންނާނެކަން ފާހަގަކުރަމުން ސައީދު ވިދާޅުވީ ބޭހުގެ އަގު ކޮންޓްރޯލްކޮށް ރައްޔިތުންނަށް ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ރާއްޖޭގައި ޑޮކްޓަރީ ބޭސް އެތެރެކޮށް ވިއްކާ އަގު ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތަ ފެށިގެން 2000 އިންސައްތައާ ދެމެދުގެ ފައިދާއެއް ނަގަމުންދާގޮތަށް ކަމަށް ބުނެފައެވެ. އެކަން ބަދަލުކުރުމަށް އެޅި ފިޔަވަޅާއެކު ޕޫލްކޮށް ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން ބޭސް އެތެރެކުރުމުގެ މަސައްކަތްވަނީ ފަށަފައެވެ.