English Edition
Dhivehi Edition

ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢަށް، ޔުނައިޓެޑް ޢަރަބްއެމިރޭޓްސް، ޔޫއޭއީގެ އަބޫދާބީ ފަންޑުން އެހީވުމަށް ނިންމައިފިއެވެ.

އަބޫދާބޫ ފަންޑުން މި މަޝްރޫއަށް ދެއްވަނީ ފައިސާގެ އެހީ ކަމަށާއި މި އެހީގެ އެއްބަސްވުމުގައިވަރަށް އަވަހަށް ސޮއިކުރެވޭނެކަމަށް ސަރުކާރުން ހާމަކުރެއެވެ.

މި މަޝްރޫޢަށް، އަބޫދާބީ ފަންޑުން އެހީވުމަށް މަޝްވަރާކޮށްފައިވަނީ ޓޫރިޒަމްމިނިސްޓަރ މޫސާ ޒަމީރު މިދިޔަ މަހުގެ ފަންސަވީހުގައި އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ އަބޫދާބީ ފަންޑުގެ ވެރިންނާއެކު ބޭއްވެވި މަޝްވަރާތަކުގައި ސަރުކާރުގެ މިމަޝްރޫޢަށް އެހީތެރިވުމަށް ނިންމާފައިވާކަމަށާއި އެގޮތުން ހިލޭ އެހީގެ ދަށުންފައިސާ ދިނުމަށް އެފަންޑުން ނިންމާފައިވާކަމަށެވެ.

މިއަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށްހުށައަޅައި ފާސްކޮށްފައިވާ ބަޖެޓުގައި ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢަށް 154 މިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއާއެކު ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ބޭނުންކޮށް ދަރިވަރުން ގެންދަންޖެހޭ ބަރު ފޮތް ދަބަސް ލުއި ޓެބްލެޓަކަށް ބަދަލުކުރެވިގެންދާނެކަން ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.