މާބަނޑުއިރު ކުއްޖާއަކީ ތެލެސީމިއާ ކުއްޖެއްތޯ ބަލާ ޓެސްޓާއި ތެލެސީމިއާ ބަލި ކަށަވަރުކުރުމަށް ބައެއް ހާލަތްތަކުގައި ހަދާ ޑީއެންއޭ ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ކަންކަން ދެނެގަތުމަށްޓަކައި އިޓަލީވިލާތާއި ސައިޕްރަސްއާއެކު މަޝްވަރާ ކުރެވި، ފަހުމުނާމާއެއްގައި ސޮއިކުރުމަށް ތައްޔާރުވެފައިވާކަމަށެވެ.
މީގެ އިތުރުން ތެލެސީމިއާ ފަންޑް ކޮމިޓީ އެކުލަވާލައި، ނެޝެނަލް ބްލަޑް ކައުންސިލްގެ މަސައްކަތް ކުރިއަށްދާކަމަށާއި ރާއްޖޭގައި ތެލެސީމިއާގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ތެލެސީމިއާ ބަލި ކަށަވަރުކުރުމަށްޓަކައި ބައެއް ހާލަތްތަކުގައި ކޮންމެހެންވެސް ހަދަންޖެހޭ ޑީއެންއޭ ޓެސްޓް ސަރުކާރުގެ ހޮސްޕިޓަލުތަކުގައި ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރިއަށް. މާބަނޑުވުމާއި ގުޅިގެން ތެލެސީމިއާ ކުއްޖެއްތޯ ބެލުމަށް ހަދާ “ފްރިނޭޓަލް ޑައިގްނޯސިސް ޓެސްޓް” ފެށުމަށްޓަކައި މިހާރު ވަނީ ތައްޔާރުވެފައި”މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ތެލެސީމިއާ ހޮސްޕިޓަލު ޤާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކުރުމުން، އެއީ ސިއްހީ ނިޒާމު ހަރުދާނުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަން ވަޒީރު ވަނީ ފާހަގަ ކުރައްވަވާފައެވެ.