English Edition
Dhivehi Edition

ތެލެސީމިއާ ކުދިންނަށް ފަރުވާދޭނެ ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި މެލޭޝިޔާގެ ކުންފުންޏާކާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އިފްތިތާހް ކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ،

ތެލެސީމިއާ ހޮސްޕިޓަލުގެ އިންޖިނިއަރިންގއާ ޕްރޮކިއުމަންޓް އަދި ކޮންސްޓްރަކަޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި ހޮސްޕިޓަލުގަ ހިންނާ ބަލަހައްޓަން ހަމަޖެހިފައިވާ މެލޭޝިޔާގެ މެޑޯ އޭޝިއާ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ސްޓުއާޓް ޖޭ ވެނަރ ޕެކްގެ އާއި ޗިން ހިން އިންޖީނިއަރިން ގްރޫޕްގެ ސީއީއޯ ރޮޖަރ ލިމް ސްވީކިއެޓްއެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހޮސްޕިޓަލު އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ސައިނޯމާ އިންޖީނިއަރިންގ އިންޑަސްޓްރީގެ މެނޭޖިންގ ޑިރެކްޓަރު ލިއު ޓާއޯއެވެ.

ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 72،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް، ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާން ޔުނިޓެއްވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ.

ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް 100 މިލިއަން ރުފިޔާގެ އެހީއެއް ދޭގޮތަށް ސަރުކާރަށް ދައްކާ ފީ ކުޑަކޮށްދޭން އުރީދޫއާއެކުވެސް ސަރުކާރުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ޤައުމީ ކެމްޕޭނެއްވެސް މި މަހު ސަރުކާރުން ވަނީ ފަށައިފައެވެ.

ރާއްޖޭގައި ތެލަސީމިއާ ކުދިންނަށް ޚިދުމަތް ދޭނެ ފުލްފްލެޖް ހޮސްޕިޓަލެއް ހުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަޞައްވުރަކަށްވާއިރު، އަންނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންނަށް ސަރުކާރުން އިނާޔަތެއް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.