English Edition
Dhivehi Edition

ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕްކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ.

ރައީސްގެ މި ނިންމެވުން ހާމަކުރައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަންގަވާފައި ވާކަމަށެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މިއަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވަކަމަށް ރައީސްގެ ޕޯސްޓުގައި ވެއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިވީ 11 މަސްދުވަހުގެ ތެރޭގައި، މަދަނީ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ޞިއްޙީ އަދި އިޖްތިމާޢީ ކަންކަމުގައި ރައްޔިތުން ހޭލުންތެރިކުރަން މަސައްކަތްކުރާ ފަރާތްތަކުން ވޭޕްކުރުމުގެ ނުރައްކައުތެރިކަން މުޖްމަތަޢުގައި ފެތުރެމުން އަންނަ މިންވަރާމެދު ފައުޅުކުރަމުން ދިޔަ ކަންބޮޑުވުންތަކާމެދު ވަނީ ވަރަށް ސީރިއަސްކަމާއެކު ވިސްނަވަން ފަށްޓަވާފައެވެ. އަދި ވޭޕްކުރުން ހުއްޓުވުމަށްއެދި މިފަދަ އެކި ޖަމާޢަތްތަކުން މި ވޭތުވި ދެތިން މަސްދުވަހުގެ ތެރޭ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި އިލްތިމާސްތަކަށް އެމަނިކުފާނު ޚާއްޞަ ސަމާލުކަމެއް ދެއްވިކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން ބަންޑާރަ ނައިބު އަހްމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ނިންމެވުން ތަންފީޒު ކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ ސަރުކާރުގެ އިދާރާތަކާ އަމިއްލަ ފަރާތްތަކުން ލިބިވަޑައިގަތް މަޢުލޫމާތުގެ އަލީގައި، ވޭޕްގެ ނުރައްކަލުން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމަށް އަޅުއްވަންވީ ފިޔަވަޅުތައް ދިރާސާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއް އުފައްދަވައި، ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ވޭޕްކުރުން ރާއްޖޭގައި މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ދިވެހިރާއްޖޭގެ މިއަދާއި މުސްތަޤްބަލް ސަލާމަތްކުރެއްވުމަށް ނިންމެވި ވަރަށް ސީރިއަސް ނިންމެވުމެއްކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގައި ވޭޕްކުރުން އާންމުވެ އެއްވެސް ގަވާއިދެއް ހަމައެއް ނެތި މިކަން ދޫކޮށްލާފައި އޮންނަތާ ވަނީ އަހަރުތަކެއް ވެފައެވެ. ކުރީ ސަރުކާރުތަކުގައި ވެސް ސިއްހީ މާހިރުން ދިޔައީ ވޭޕާ ގުޅިގެން ހުރި ނުރައްކާތަކުގެ ވާހަކަ ދައްކަވަމުންނެވެ.

ވޭޕްގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ފުއްޕާމޭގައި ފެންހެދުމާއި މިފަދަ ނުރައްކާތެރި އެތައް ކަމެއް ފާހަގަކުރެވެއެވެ. އަދި ވޭޕް މެދުވެރިކޮށް މަސްތުވާތަކެތި ޑިސްޓްރިބިއުޓް ކުރުމުގެ ކަންބޮޑުވުންތައް ވެސް މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.