English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމަށް މިއަހަރުގެ ޖޫން މަހު ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް އިޝާރަތްކުރައްވަމުން، ދެވަނަ ފަހަރަށް ރައީސްއަށް މަރުޙަބާ ދެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުން އުފާކުރައްވާކަމަށް މިނިސްޓަރު ޖައިޝަންކަރް ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިންޑިއާ ސަރުކާރުން ދެއްވާ މެހުމާންދާރީއަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު މިހާރު ހިންގަމުންދާ މަޝްރޫޢުތަކުގައި ކުރިއެރުން ލިބިފައިވާ މިންވަރާއި، ކުރިއަށް އޮތްތަނުގައި ދެ ޤައުމަށް ފައިދާކުރަނިވި ގޮތަށް އުފެއްދިދާނެ ފުރުޞަތުތަކާމެދު ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެގޮތުން، ސީދާ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާލިބޭ ދާއިރާތައް ކަމުގައިވާ، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމާއި، މުޅި ޤައުމުގައި މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުން ފަދަ ކަންކަން ފާހަގަކުރައްވާފައިވެއެވެ.

ދުނިޔޭގެ ބަދަލުވަމުންދާ ކަންކަމުގެ ތެރެއިން ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ދެ ޤައުމުގެ ދެމެދުގައްޔާއި ސަރަޙައްދީ ފެންވަރުގައި ގާތް ގުޅުން ބޭއްވުމުގެ މުހިންމުކަމާމެދުވެސް، ރައީސް އާއި އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ސަރުކާރުގެ ގުޅުން ބަދަހިކޮށް، ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.