English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ގައުމާއި މުޖުތަމައުގައި ޒުވާނުން ބާރުވެރިކުރުމަށްޓަކައި ޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެ ޒުވާނުން ހަދަންޖެހޭކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހީންގެ ތާރީހާއި، މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމި އޮތް ހަގީގަތްތައް ޒުވާނުންނަށް ވިސްނޭގޮތަށް އަންގައިދޭންޖެހޭކަމަށެވެ. އަދި އިސްލާމީ ޝަހްސިއްޔަތާއި ދިވެހި ގައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހޭކަމުގައެވެ. އަދި ވަކި ޖިންސަކަށް ވީތީ ފަރަގުނުކޮށް، ކޮންމެ ޒުވާނަކީ ގައުމާ އެއްކޮޅަށް ބަސްބުނެ ގައުމުގެ ތަރައްގީއަށްޓަކައި މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ޒުވާނަކަށް ހެދުމުގެ މަސައްކަތްކުރުމުގެ ބޭނުންތެރިކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ

މީގެ އިތުރުން ރައީސް ވަނީ ޒުވާން ޖީލުގެ އަހްލާގީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރަން މަސައްކަތްކުރަން ޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ތިން ވާހަކަފުޅެއް ހިއްސާކުރައްވާފައިވެއެވެ. އެއީ އިސްލާމްދީނުގައި އަދި ކީރިތި ގުރުއާނުގައި މުސްލިމުން ސިފަކުރައްވާފައިވާ ގޮތާއި، އަދުގެ ދިވެހިރާއްޖޭގެ މުޖުތަމަޢުން ފެންނަ ދީނާ ހިލާފު ކަންކަމާއި އަދި އެ ކަންކަން އިސްލާހުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ވާހަކަފުޅެވެ.