English Edition
Dhivehi Edition
ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

ހުޅުމާލޭގައި ކުނި ބަދަލުކުރާ މަރުކަޒެއް ތަރައްގީކުރުމަށްޓަކައި ބިން ކުއްޔަށް ދިނުމަށް މިއަދު ތިން ފަރާތެއްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ފަންޑުކުރާ ކުނި މެނޭޖްކުރުން ރަނގަޅުކޮށް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތުގެ މި އެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި އަދި ހަކަތައާބެހޭ ވުޒާރާއާއި، މާލިއްޔަތު ވުޒާރާ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ މިނިސްޓަރ ޠާރިޤް އިބްރާހީމް އާއި، ފައިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މާޒިން އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދެވެ. މި ރަސްމިއްޔާތު ބޭއްވުނީ މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭވުޒާރާގައެވެ.

މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން ކުނި މެނޭޖްކުރުމުގެ ބޭނުމަށް 1 ހެކްޓަރުގެ ބިމެއް ކުއްޔަށް ދޫކުރާނެއެވެ. މި މަޝްރޫޢުގެ ދަށުން ގާއިމްކުރާ ކުނި ބަދަލުކުރާ މަރުކަޒުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ ޑިޒައިން ފޭސް ނިމުމަށްފަހު 18 މަސްދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއަކީ ސަރުކާރުގެ “މަގޭ ސާފު ރާއްޖެ” ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

ޓެގު