English Edition
Dhivehi Edition

މިނިވަން ކަޕް 2017 ގައި ބައިވެރިވެފައިވާ މީދޫ ދެ ޓީމު މުބާރާތުން ވަކިވެއްޖެއެވެ. 15 ޖުލައިގައި ހުޅުދޫ ގައި ފެށުމަށް ހަމަޖެހިފައިވާ މިނިވަންކަޕް މުބާރާތުން ވަކިވެފައިވަނީ މީދޫ ޔޫތްސް އާއި މީދޫ މޭންސް ފުޓްސެލް ޓީމެވެ.އޭއޯ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީދޫ ދެ ޓީމުން މުބާރާތުން ވަކިވާން ނިންމީ މިހާރު ހުޅުދޫގައި ކުރިއަށްދާ އާރުއާރު މަންތަރަ ރޯދަ ފުޓްސަލް މުބާރާތުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. މިކަމާއި ބެހޭ ގޮތުން އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން މިނިވަންކަޕް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވަނީ މީދޫ ޓީމުތައް މުބާރާތުގައި ބައިވެރި ނުވާން ނިންމީ މިނިވަން ކަޕް މުބާރާތުގެ އެއްވެސް މައްސަލައެއް އޮވެގެން ނޫންކަމުގައެވެ. ” އެ ދެޓީމުން ބައިވެރިނުވާން ނިންމީ މިހާރު ކުރިއަށްދާ މުބާރާތުގައި, ދެރަށުގެ ސަޕޯޓަރުންގެ މެދުގައި ހިނގަމުން އައި ހަމަނުޖެހުންތައް ބޮޑުވެ މުބާރާތް ކުޅޭ ދަނޑުގެ ބޭރުގައި ރޭ ހިނގާދިޔަ ތަޅާފޮޅުންތަކާއި ގުޅިގެން. އެ ޓީމުތަކުން ބުނެފައިވަނީ މިނިވަންކަޕްގައި މަސްލަހަތަށްޓަކައި ބައިވެރިވާން ބޭނުން ނުވާކަށް.” މިނިވަންކަޕްގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް ސަމީއު(މެރެތަން) ބުންޏެވެ. މި ދެޓީމު މުބާރާތުން ވަކިވުމާއި ގުޅިގެން މުބާރާތުގައި ބައިވެރިވާން އެދިފައިވާ އިތުރު ދެ ޓީމަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެކަމަށް މެރެތަންވަނީ ބުނެފައެވެ. މިއަހަރުގެ މި މުބާރާތުގައި ބައިވެރިވާ ހުޅުދޫ ޔޫތް ޓީމް، ކަޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޓީމް ލިސްޓް ހުށަހަޅާފައި ނުވާތީ އެ ޖާގަ ހުޅުދޫއަށް ނިސްބަތްވާ އެހެން ޓީމަކަށް ދޭންވަނީ ނިންމާފައެވެ. އެހެން ނަމަވެސް ފަހުން އެ ޓީމުން ޓީމު ލިސްޓު ހުށެހެޅުމާއި ގުޅިގެން އެ ޓީމަށްވަނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދީފައެވެ. މިނިވަން ކަޕް ފެށެން 27 ދުވަހަށް ވެފައިވަނިކޮށް މި މުބާރާތުން މީދޫ ދެ ޓީމު ވަކިވެފައިވާއިރު މީދޫގެ ދެ ޓީމުންވެސް ވަނީ މުބާރާތަށްޓަކައި ވަރަށް ގިނަ ތައްޔާރީތައް ވެފައެވެ. މިނިވަންކަޕް ބާއްވަމުން އަންތާ 9 އަހަރުވެފައިވާއިރު މީ ހުޅުދޫ މީދޫގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސެލް މުބާރާތެވެ.