English Edition
Dhivehi Edition

އަވަށުއޮފީހުން ނަގަންޖެހޭ ހުއްދަ ނެގުމަށްފަހު ނޫން ގޮތަކަށް އަމިއްލަ ބޭނުމަށް މަގު ބަންދުކޮށްގެން މަގުމަތީގައި އެއްވެސް މަސައްކަތެއް ނުވަތަ ހަރަކާތެއް ނުހިންގުމަށް އައްޑޫސިޓީކައުންސިލުން އަންގައިފިއެވެ.

މިމަހުގެ 25 ވަނަ ދުވަހު ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މަޝްވަރާއާއިއެކު، އައްޑޫސިޓީ ކައުންސިލުން ވަނީ “ވަގުތީގޮތުން މަގު ބަންދު ކުރުމާއިބެހޭ ޤަވާއިދު” (ޤަވައިދު ނަންބަރު: R-983/2019) އެކުލަވާލައި ގެޒެޓްގައި ޝާއިއުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޤަވާއިދާއި އެއްގޮތަށް މަގުބަންދު ކުރުމަކާއިނުލާ ހިނގާ މީހުންނާއި ދުއްވާ އެއްޗެއްސަށް ދަތިވާގޮތަށް މަގުމަތި އަދި ޕޭވްމެންޓް، ހަފްލާތަކާއި އިޖުތިމާއީ އަދި ޢުމްރާނީ މަސައްކަތްތަކަށް ބޭނުންކުރަމުން ދާކަމުގެ ޝަކުވާ ކައުންސިލަށް ލިބޭ ކަމަށެވެ.

“މިފަދަ ޤަވާއިދުތަކަކީ އެންމެންގެ މަސްލަހަތަށްޓަކައި ހެދިފައިވާ ޤަވާއިދުތައްކަމުން، ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއްކަމުގައި ދެކިގެން، ހެދިފައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމަށް އިލްތިމާސްކުރަމެވެ.” ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.