English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް އެމްވީ

ހއ. ހޯރަފުށީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި / ރަތްބަގީޗާގެ، އަޙްމަދު ޝީބާން (42އ) އެވެ.

ފުލުހުން ބުނީ ސެޕްޓެންބަރު 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.. މި ތަކެތީގެ ވަގުތީ ބަރުދަނީ 50.6 ގްރާމް ހުރިހަކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ވެސް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.