English Edition
Dhivehi Edition

މޯލްޑިވްސް ވިމެން އިން ޕޮލިސިންގއަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ”ލޯތްބާއެކު” ގެ ނަމުގައި ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެން ފުލުހުންނާއި، އަންހެން މުވައްޒަފުން ބާރުވެރިކުރުވައި އޮޕަރޭޝަނަލް އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ އަންހެން ފުލުހުން އިތުރުކުރުވުމަށް މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އުފައްދާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު 1 ވަނަ ދުވަހު ގައެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއަކީ މަސައްކަތުގެ މާހައުލަށާއި ސިިޔާސަތުތަކަށް ގެނެވޭ ބަދަލުތައް ގެނައުމުގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށާއި އަންހެން މުވައްޒަފުންގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ރަސްމީ ނިޒާމެއް ގާއިމުކުރުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ. އަދި ރެކްރޫޓުކުރެވޭ އަންހެން ފުލުހުން އިތުރުކޮށް މުއައްސަސާގައި އަންހެނުންގެ ނިސްބަތް އިތުރުކުރުވުމާއި މަސައްކަތުގެ މާހައުލަކީ އަންހެނުންނާ ރައްޓެހި ފަހި މާހައުލަކަށް ހެދުމާއި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ އިތުރުން މުއައްސަސާގައި ނިންމާ ނިންމުންތަކުގައި އަންހެން މުވައްޒަފުން ބައިވެރިކުރުވުމާއި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކުރުން ވެސް މި ކޮމިޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ޚިދުމަތަށް 3 އަހަރު ފާހަގަ ކުރުމުގެ ގޮތުން އެންމެފުރަތަމަ ބާއްވާ ހަރަކާތަކީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމެންޓާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން މުވައްޒަފުން ބައިވެރިވެގެން މިއަދު ކުރިއަަށް ގެންދާ މި ހަރަކާތުގައި، 14:00 އިން 18:00 އަށް ޓްރެފިކް ބެލެހެއްޓުމާއި ރައްޔިތުންނާ ބައްދަލުކުރުމުގައި މަގުމަތީގައި ހަރަކާތްތެރިވަމުންދާނެއެވެ. މި ހަރަކާތް އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދާނެވެ. އެގޮތުން ގޭގެއަށް ޒިޔާރަތްކުރުމާއި ރަށުގެ އެކި ހިސާބުތަކުން ރައްޔިތުންނާ ބައްދަލުކޮށް ހިޔާލުބަދަލުކުރާނެއެވެ.

މީގެ އިތުރުން، ގާލާ ނައިޓަކާއި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓެއްގެ އިތުރުން ރެސިލިއަންސް ބިލްޑިންގ ލީޑަރޝިޕް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތަކުން ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

ފުލުހުންގެ ދާއިރާގައި އަންހެނުންގެ އަގުހުރި ދައުރު ދެނެގަތުމުގެ ފުރުސަތު ހޯދައިދީ، ގާނޫނު ތަންފީޒުކުރުމުގެ ތެރޭގައި ހަމަހަމަކަން ކުރިއެރުވުމުގެ ފުރުސަތު ފަހިކޮށް، ގާނޫނު ތަންފީޒުކުރުމުގައި ޖެންޑަރ އިންކްލޫސިވިޓީގެ މުހިންމުކަން ފާހަގަކޮށް، ފުލުހުންގެ މަސައްކަތުގައި އަންހެނުންގެ ކާމިޔާބީތައް ފާހަގަކުރުމާއެކު ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، އެއްބައިވަންތަކަން އުފެއްދުމަށް ވާހަކަދައްކައި މަޝްވަރާކުރުމަށްޓަކައި ޕްލެޓްފޯމެއް ހޯދައިދީ އަންހެން އޮފިސަރުންނަށް ލީޑަރޝިޕްގެ ދައުރު އަދާކުރުމަށް ޝައުގުވެރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ފަރާތުން ކުލަގަދަކޮށްދަނީ ފާހަގަކުރަމުންނެވެ.