English Edition
Dhivehi Edition

މީސްމީޑިއާގައި ދައުރުވަމުންދާ (ސައިކަލްތައް އުކާ) ވިޑީއޯއަކީ ޤަވައިދުގެ ތެރެއިން ނައްތާލެވޭ ވެހިކަލްތައް ގެންދާ މަންޒަރު ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، މީސް މީޑިއާގައި އާންމުވަމުން އަންނަ ވީޑިއޯއަކާއި ގުޅިގެންނެވެ. އެ ވީޑިއޯ އާންމުކުރި ފަރާތުން ބުނެފައިވަނީ މެރީބްރައުން ރެސްޓޯރެންޓު ކައިރީގައި ހުންނަ ފުލުހުންގެ ވެހިކަލް ޓޯ ޔާޑުގެ ތެރެޔަށް ޓޯކުރި ސައިކަލްތަކެއް ފުލުހުން އުކާލަނީ ކަމަށެވެ. ވި ވީޑިއޯގައި ފުލުހުންގެ އުޅަނދެއްގެ މަތީގައި ހުރި ސައިކަލެއް ބިންމައްޗަށް ވައްޓާލާ މަންޒަރު ފެނެއެވެ. އެ ވީޑިއޯ ހިއްސާކޮށް ކަންބޮޑުވުން ފާޅުކުރި މީހުން ވަނީ ފުލުހުން ޓޯކުރާ އަގުބޮޑު އުޅަނދުތަކަށް ގެއްލުންދެނީތޯ ސުވާލު އުފައްދައިފައެވެ.

އެކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެ ވީޑިއޯއިން ފެނިގެން ދަނީ އިއްޔެ ވަގުތެއްގައި ޤަވައިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތައް ނައްތާލުމަށް ގެންދާ މަންޒަރު ކަމަށެވެ. އަދި އެއީ އެ ޓޯޔާޑުން ނަގަމުންދާ ވެހިކަލްތައް ނައްތާލުމަށް ގެންދިއުމުގެ މަސައްކަތް ކުރިޔަށް ދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެ މަސައްކަތުގެ ދަށުން ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނީ:

  • ދެ ފުރޮޅުލީ 247 އުޅަނދު
  • ހަތަރު ފުރޮޅުލީ 29 އުޅަނދު
  • 223 ބައިސިކަލް
  • އެއް އެމްބިއުލާންސް

ޤަވާއިދާ ޚިލާފުވެގެން ޓޯ ކުރާ އެއްވެސް އުޅަނދަކަށް ގެއްލުންވާ ގޮތަށް ޢަމަލުނުކުރާކަމުގެ ޔަޤީންކަން ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ދެއްވަވާފައެވެ.

ވީޑިއޯތަކުން ފެންނަނީ ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރުމަށް ފަހު ނައްތާލުމުގެ މަސައްކަތް ކުރަމުންދާ މަންޒަރުކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިގޮތަށް އުޅަނދުތައް ނައްތާލުމުގެ ކުރިން އެ އުޅަނދެއް ނައްތާލުމުގެ ތެރޭގައި އަލިފާން ރޯ ނުވާނެހެން ޓޭންކް ފޫ އަޅުވާ ޓޭންކް ހުސް ކުރާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުންގެ ޓޯ ކުރާ އުޅަނދުތަކާއި މެެދު ޢަމަލުކުރާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ހެޑް މުޙައްމަދު ދާއޫދު ވިދާޅުވީ، ފުލުހުން ޓޯ ކޮށްގެން ގެންދާ އުޅަނދުތަކާއި މެދު ޢަމަލުކުރުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ޓޯ ޔާޑަށް ގެންގޮސް 7 ދުވަހުގެ މުހަލަތެއް ދީ ވެރިފަރާތުން ހާޒިރުވުމަށް އިއުލާން ކުރެވޭ ކަމަށެވެ.

“މި 7 ދުވަސް ހަމަވުމަށް ފަހު އިތުރު 60 ދުވަސް ޓޯ ޔާޑުގައި މަޑުކުރާނެ. އެ މުއްދަތުގެ ތެރޭގައި އެ ވެހިކަލްތަކުގެ ވެރިފަރާތްތަކުން ނާންނަ ކަމުގައިވަނީ ނަމަ، ދެން އަޅުގަނޑުމެން އެތަކެތީގެ ރެޖިސްޓްރީ ބާތިލް ކުރުމަށް ޓްރާންސްޕޯޓަށް ފޮނުވާނީ. އޭގެ ފަހުން ދެން ހުއްޓެނީ ނައްތާލުމުގެ މަރުހަލާއަށް. އެހިސާބުން ފެށިގެން ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދަން.” ހުޅުމާލެ ޕޮލިސް ހެޑް ދާއޫދު ވިދާޅުވިއެވެ.

ފުލުހުން ވަނީ އުޅަނދުތައް ނައްތާލުމުގެ މަރުހަލާ އަބަދުވެސް ކުރިއަށްގެންދަނީ މި އުސޫލުންކަން ފާހަގަކޮށްފައެވެ. އަދި މިކަން ކުރުމުގައި، އެއްވެސް ރައްޔިތެއްގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ޢަމަލު ނުކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.