ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ހެކީގެ ގޮތުގައި ހިފެހެއްޓި ފޯނެއްގައި ހުރި ޕޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ ދޮގުތުހުމަތެއް ކަމަށް ފުލުހުން ރޭ ވިދާޅުވެއްޖެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި މިހެން ވިދާޅުވީ، އިދިކޮޅު އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދުގެ ފޯނު ފުލުހުން ހިފެހެއްޓި ފަހުން ފޮޓޯއެއް ލީކް ކޮށްލި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
ފުލުހުން ވިދާޅުވީ ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑު ތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތައް ގާއިމްކޮށްފައި ވާނެކަމަށެވެ.
ާއަދި އެ އުސޫލުގެ ދަށުން އެތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވިފައިވާނެކަމަށް ފުލުހުން ވިދާޅުވިއެވެ.
އެހެންކަމުން ދިވެހި ފުލުހުންގެ ހިދުމަތުގެ ތަހުގީގުތައް ކުރިއަށް ގެންދަވަނީ ޕްރޮފެޝަނަލް ކަމާއެކު ގާނޫނީ ހަމަތަކުގެ މަތިންކަމަށާއި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމަށާއި ޕްރޮފެޝަނަލް މިންގަނޑެއް ހިފެހެއްޓުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.