English Edition
Dhivehi Edition

ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ މެކޭނިކް އިސްމާއިލް އުމަރު (އިއްސެ)54 އަށް ހަމަލާދީ މަރާލި ކަމަށް، ބަންގްލަދޭޝް މުވައްޒަފު ޝުމަން މިއާ އެއްބަސްވެއްޖެއެވެ. މިއަދު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޝުމަންގެ އިތުރުން އޭނާއާ އެކު އެ ގަތުލުގައި ބަންގްލަދޭޝްގެ އިތުރު ހަތަރު މީހަކު ބައިވެރިވާ ކަމަށާއި އެ އެންމެން ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނެފައިވަނީ އިއްސެ އަށް ހަމަލާދިން ވަޅި އާއި އޭނާ ލައިގެން ހުރި އަންނައުނު ވެސް މިހާރު ހޯދާފައިވާ ކަމަށެވެ. އައިސް ޕްލާންޓު ހިންގުމާ ހަވާލުވެ ހުރި އިއްސެ ޒަހަމްތަކާ އެކު މަރާލާފައި އޮއްވައި ފެނުނީ، އޭނާގެ ހަބަރެއް ނުވެގެން ފުލުހުން ގޮސް ދޮރު ހަލާކުކޮށްލައިގެން ވަދެ އޭނާ ހޯދަމުން ދަނިކޮށެވެ. މިދިޔަ ހުކުރު ދުވަހު އައިސްޕްލާންޓްތެރޭގައި އިއްސެ މަރާލާފައި އޮއްވައި ފެނުނުއިރު އޭނާގެ ކަރު ވަކިނުވެ އޮތީ ކިރިޔާ އެވެ. އަދި އިއްސެގެ ހަށިގަނޑުގެ އެތައް ތަނެއް، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.