English Edition
Dhivehi Edition
ޗަޕާނާ ރާއްޖެއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ: ފޮރިން މިނިސްޓަރީ

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް” މަޝްރޫއުގެ “އެކްސްޗޭންޖް އޮފް ނޯޓްސް” ގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރީ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް ތަކެއުޗި މިދޮރި އެވެ.

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 140 ހާސް އެމެރިކާ ޑޮަލަރު (20 މިލިއަން ޖަޕާނީސް ޔެން) ދިނުމަށްވަނީ ނިންމަވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާ ގުޅުންހުރި އެހެނިހެން ކާރިސާތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމުގައި މި މަޝްރޫއުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިމަޝްރޫއަކީ، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ރައްކާތެރިކަން ފޯރުކޮށްދޭނެ މަޝްރޫއެއްކަމުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން 2004 ވަނަ އަހަރުގެ އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއަށް އިޝާރާތް ކުރައްވައި، މިނިސްޓަރު ވަނީ މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ޖަޕާނުގެ އެހީގައި 1990 ވަނަ އަހަރު ބިނާކުރި މާލޭގެ ވަށާތޮށި އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. މިފަދަ މަޝްރޫއު ތަކުން ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.