ޕެރޫގެ ވެރިރަށް ލީމާގެ ރަށްބޭރު ފަރުބަދައެއްގެ މަތިން ހިނގި އެކްސިޑެންޓެއްގައި 48 މީހުން މަރުވެއްޖެއެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ފަރުބަދަމަތިން ބަސް ދަތުރު ކުރަމުން ދަނިކޮށް ޓްރައިލާ ޓްރަކެއް ބަހުގައި ޖެހިގެންނެވެ. އެ ހާދިސާގައި ބަސް ފުރޮޅާލައި 260 ފޫޓު ތިރިއަށްވަނީ ވެއްޓިފައެވެ. އެހާދިސާގައި ވަނީ ބަހުން ދަތުރުކުރި 57 މީހުންގެ ތެރެއިން 48 މީހުން މަރުވެފައެވެ.
ބަސް ވެއްޓިފައިވަނީ ޕެރޫގެ ވެރިރަށް ލީމާއާ 45 މޭލު އުތުރުން އޮންނަ ޕަސަމަޔޯ ސަރަހައްދުގައި އޮންނަ ‘ޑެވިލްސް ކާވް’ މަގުންނެވެ. އެ މަގަކީ ޕެރޫގައި އޮންނަ އެންމެ ނުރައްކާތެރި އެއް މަގެވެ.
ޕެރޫގެ ރައީސް ޕަބްލޯ ކުޗްޒިންސްކީ ވަނީ އެ ހާދިސާއާ ބެހޭގޮތުން ބަޔާނެއް ނެރުއްވައިފައެވެ. އެ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެއީ ޕެރޫއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމަށެވެ.
އެ ހާދިސާއަށްފަހު މިހާރުވެސް ގެންދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ހާދިސާއާ ބެހޭ ގޮތުން ޕެރޫގެ ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވެފައި ވަނީ ދެ އުޅަނދުވެސް ބާރަށް ދުއްވައިފައިވާކަން ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ ބަސް ވެއްޓުނު ސަރަހައްދަށް ސީދާ ދިޔުމަށް މަގެއް ހެދިފައި ނެތުމުން ވަރަށްބޮޑަށް ދަތިވާ ކަމަށެވެ. އޭގެ ސަބަބުން މީހުން ސަލާމަތް ކުރުމުގައި ބޮޑެތި ގޮންޖެހުން ކުރިމަތި ވެފައިވާ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.
ޕެރޫގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ 2013 އަހަރުއެވެ. އެފަހަރު ބަހެއް ކޯރަކަށް ވެއްޓި 51 މީހުން ވަނީ މަރުވެފައެވެ.