ކ.ހުވަފެންފުށީ، ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ކ.މާލެ، މ.އާސާރީހަދާނީ ތަސްލީމް މުހައްމަދު (43އ) ހޯދުމަށް ޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެދިނުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ތަސްލީމް މުހައްމަދު ވީ ނުވީއެއް ނޭގި ގެއްލުނު މައްސަލަ ރިޕޯޓްކޮށްފައިވަނީ މިިދިޔަ އޮގަސްޓަމުހުގެ 30 ވަނަ ދުވަހު 13:20 ހާއިރު ކަމަށެވެ. އެ ގޮތުން ތަސްލީމް ދަތުރު ގޮސް އުޅުނު ފަސްގަނޑު ބަލާ ފާސްކުރުމުގެ މަސައްކަތާއި މެރިން ޕޮލިސް އާއި މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް ކޯސްޓުގާޑާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަސްލީމް ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ޑައިވިން ޓީމުން ފަސްގަނޑު ހިމެނޭ މޫދު ސަރަހައްދަށް ޑައިވްކޮށްފައިވާއިރު އެމްއެންޑީއެފް ޑައިވިން ޓީމުން ވެސް އޮގަސްޓް 31، ސެޕްޓެމްބަރު 1 އަދި 6 ވަނަ ދުވަހަށް 943،998 އަކަ މީޓަރު ސަރަހައްދަށް ޑައިވްކޮށް ބަލާފައިވާ ކަމަށެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ތަސްލީމް މާލެއިން ފުރާފައިވަނީ އޮގަސްޓް 29 ވަނަ ދުވަހު 17:00އާއި 17:30އާ ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ. އެ ފަސްގަނޑަށް ގޮސްފައި ވަނީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާއެކު ކަމަށް ފުލުހުން ބުނެފައިވާއިރު އެ ދަތުރު ރޭވީ އެ މީހުންގެ ރައްޓެހިކަމުގައި، އޭގެ ތެރެއިން ބަޔެއްގެ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ތަސްމީން އެ ދަތުރުގައި ބައިވެރިވީ ޕާޓީއަށް ތައްޔާރުކުރާ ބެކް ޑްރޮޕާއި، ލައިޓިންގެ ކަރަންޓުގެ މަސައްކަތް ކުރުމަށްކަމަށް ތަހުގީގަށް އެގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ބަޔާނުގައި ބުނާގޮތުން ތަސްލީމުމެން ދަތުރު ދިޔައިރު އެ ފަސްގަނޑުގައި އިތުރު ބަޔަކުވެސް ދަތުރު ގޮސް ތިއްބެވެ. އަދި އޮގަސްޓު 29 ވަނަ ދުވަހުގެ 00:00 އާ ހަމަޔަށް ތަސްލީމު ދަތުރުގެ ބައިވެރިންނާއެކުގައި އުޅުނު ކަމަށް ދަތުރުގެ ބައިވެރިން ބުނެފައިވާއިރު އެރޭ ޓެންޓު ކައިރީގައި ތަސްލީމު ނިދާފައި އޮތްވާ ފެނުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ނަގާފައިވާ ފޮޓޯތަކުން ފެނިފައިވެއެވެ. އަނެއް ދުވަހު ހެދުނުވެސް ތަސްލީމު ވަނީ ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައެވެ. އޭނާ ދަތުރު ދިޔަ މީހުން ޓެންޓުޖަހާފައިވާ ސަރަހައްދުގައި ނިދާފައި އޮތްކަމަށް ނަގާފައިވާ ބައެއް ފޮޓޯތަކުން ފެންނަކަމަށް ފުލުހުން ބުންޏެވެ.
އެންމެ ފަހުން ތަސްލީމު ފެނިފައިވަނީ 30 އޮގަސްޓު 2024 ވަނަ ދުވަހު ހެދުނު 7:45 އާއި 9:00 އާއި ދެމެދުގައެވެެ. އަދި އޭނާ މާލެ ދާން ބޭނުންވާ ކަމަށް ބުނެފައި އޮތުމުން، އެ ދުވަހުގެ 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން، ފެނިފައިނުވާތީ އެ މީހުން އޭނާގެ އާއިލާއަށް ވެސް ގުޅި ކަމަށެވެ. ތަސްލީމް މާލެ ނާންނަކަމަށް އާއިލާއިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށިކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވއެެ. އަދި މި މައްސަލައާ ގުޅިގެން ތަހުގީގުގައި، ތަސްލީމް އާއި އެކު ދަތުރުދިޔަ މީހުންނާ ސުވާލުކުރުމުގެ އިތުރުން، އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގުރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ތަހުގީގުގައި ސުވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ތަސްލީމް ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެސިން ތަހުލީލު ކުރުމުގެ މަސައްކަތް ފަށައި، އޭނާއާއި އިތުރު ބަޔަކު ދަތުރު ދިޔުމަށް ބޭނުންކުރި ދެ ލޯންޗު ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން އޭނާ އާންމުކޮށް މާލޭގައި ގޮސް އުޅޭ ސަރަހައްދުތައް ބަލައި، އޭނާ ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.