English Edition
Dhivehi Edition
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމަށްފަހު ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން، ފައިލް ފޮޓޯ: އެމްޑީޕީ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދެމުންގެންދާކަށް ހާމަކޮށް، “އަދަދު އޮންލައިން” ގައި ޝާއިއުކޮށްފައިވާ ހަބަރާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސަރުކާރުން އެ ނޫހަށް އިންޒާރު ދިން މައްސަލަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކުށްވެރިކޮށްފިއެވެ.

“ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ” މި ސުރުހީގެ ދަށުން އަދަދު ނޫހުން ޝާއިއުކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދޮގު ހަބަރެއް ފެތުރި މައްސަލައިގައި ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ބުނެފައިވާއިރު، އެމްޑީޕީ އިން ބުނީ ނޫސްވެރިކަން ކުރުމާއި, ހަބަރާއި މައުލޫމާތު ޝާއިއުކުރުމާއި, އެ ހަބަރުތައް ފެތުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށްވާއިރު އެ ހައްގުގެ ބޭނުން ހިފައި ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ގެނެސްދޭ ފަރާތްތަކަށް ބިރު ދެއްކުމަކީ ހުދުމުހުތާރު ވެރިކަމަކަށް ފަހި ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ،

ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބު ކަން ފާހަގަކޮށް އެމްޑީޕީ އިން ބުނީ ސަރުކާރުން ކުރާ ނޭއްގާނީ ކަންކަމުގެ ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދޭ މީޑިއާތަކާއި ނޫސްވެރިންނަށް ފުރައްސާރަކޮށް، ބިރު ދައްކައި އަދި އެކި ގޮތްގޮތުން ގޯނާ ކުރުމަކީ އެފަދަ މީޑިއާތަކާއި ނޫސްވެރިންގެ އަޑު ކަނޑުވައިލުމަށް ރާވައި އިންތިޒާމުވެގެން ސަރުކާރު އިސްވެ ކުރާ ކަމެއްކަމަށް އެ ޕާޓީން ގަބޫލުކުރާކަމަށެވެ.

ނޫސްވެރިކަމަށް ހުރަސް އެޅުން ހުއްޓާލައި ނޫސްވެރިންނަށް ބިރު ދެއްކުމަށް ކުރަމުންދާ އެންމެހާ ކަންކަން ވަގުތުން ހުއްޓާލުމަށް ގޮވާލަމުން އެމްޑީޕީ އިން ވަނީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ކުރެވޭނެ ފަދަ މާހައުލެއް ކަށަވަރު ކޮށްދިނުމަށް ގޮވާލާފައެވެ.

ޓެގު