English Edition
Dhivehi Edition

ތެލެސީމިއާ އަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން މިއަހަރު ފެށި ޕްރޮގްރާމްގެ ދަށުން މާލޭ ސަރަހައްދުގެ ގްރޭޑް ދިހަ އެއްގައި ކިޔަވާ 4000 ކުދިން ތެލަސީމިއާއަށް ސްކްރީން ކޮށްފިއެވެ.

މިއީ ރާއްޖޭގައި ތެލަސީމިއާ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއަށް ގެންދިއުމަށް ހިންގަމުންދާ ޕްރޮގްރާމް ހަރުދަނާކުރުމަށް ނިންމެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ތެލަސީމިއާއަށް ހޭލުންތެރިކުރުމާއި، ގްރޭޑް 10 ނިމުމުގެ ކުރިން ތެލަސީމިއާ ސްކްރީނިންގ ކުރަންޖެހޭނެ ކަމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް ކަމަށް ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި ޕްރޮގްރާމްތަކުގެ ދަށުން ފުރަތަމަ މަރުހަލާގެ ތެލަސީމިއާ ސްކްރީންގ ކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރި ކުރުން ގްރޭޓަރ މާލޭ އޭރިއާއަށް ޚާއްސަކޮށްގެން ނިންމާލިއިރު ހަތަރުހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ސްކްރީންކޮށްފައެވެ.

ގްރޭޓަރ މާލެ އޭރިއާގައި ސްކޫލްތަކުގެ ގްރޭޑް 10ގެ 124 ބެލެނިވެރިން ، 198 ދަރިވަރުންނަށް ތެލަސީމިއާ އަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ވަނީ ދެވިފައެވެ. އަދި 4004 ދަރިވަރުން ވަނީ ތެލަސީމިއާ އަށް ސްކްރީން ކުރެވިފައެވެ. އަތޮޅުތެރޭގައި މިހާތަނަށް 76 ކުދިން ތެލަސީމިއާ އަށް ސްކްރީން ކުރެވިފައިވާކަމަށް ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި މާލެއާއި އަތޮޅުތެރޭގެ ސްކޫލް ތަކުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ހިންގާފައިވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް، މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ގުޅިގެންނެވެ.

މި ޕްރޮގްރާމް ރަސްމީ ގޮތުން ފެށިފައިވަނީ 2024 ފެބްރުއަރީ 1 ވަނަދުވަހުއެވެ. ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް ޑރ. އަބުދުﷲ ޚަލީލްއެވެ.