ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 71،000 އަކަފޫޓުގެ ބިމެއް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ނޭޝަނަލް ތެލެސީމިއާ ކޮންފަރެންސް” ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން, ނައިބު ރައީސް ވިދާޅުވީ, ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށްދެއްވައި އެ ކުދިންގެ ފަރުވާގެ ކަންކަން ފުރިހަމަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ.
“ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ޚަރަދުގައި ހިލޭ ކުރެވޭ ގޮތް ހެދުމަކީވެސް ރައީސްގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދުފުޅު. އެކަން ވެސް މިހާރު ވަނީ ފަށާފަ. ތެލެސީމިއާއަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފަ,” ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މި މަހާސިންތާއަކީ ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންގެ އުއްމީދުތަކުގައި ކުލަޖެހިގެންދާނެ މަހާސިންތާއަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާއި ކަމާ ގުޅޭ މާހިރުން އެއް ހިޔާވައްސެއްގެ ދަށުން ބައްދަލުވެ، ހިއްސާ ކުރެވޭ މައުލޫމާތުގެ ފައިދާ ދިގު ދެމިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގެ ތެރެއިން ތެލެސީމިއާ ކުދިންނަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ ކަންކަން އެކުލަވާލައި އެކަންކަން މިހާރު ފަށާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
“އެގޮތުން ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ހަމަޖައްސަވައި، ކެބިނެޓުން އެކަން ނިންމުމަށްފަހު ހުޅުމާލެ ދެވަނަ ފިޔަވަހިން 71000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ހަމަޖައްސަވައިދެއްވާފައި. އަދި ހޮސްޕިޓަލް އެޅުމަށް ބޭނުންވާނެ ފައިސާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ,” ނައިބު ރައީސް ވިދާޅުވިއެވެ.
ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް 100 މިލިއަން ރުފިޔާގެ އެހީއެއް ދޭގޮތަށް ސަރުކާރަށް ދައްކާ ފީ ކުޑަކޮށްދޭން އުރީދޫއާއެކުވެސް ސަރުކާރުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ޤައުމީ ކެމްޕޭނެއްވެސް މި މަހު ސަރުކާރުން ވަނީ ފަށައިފައެވެ.
މީގެ ކުރިންވެސް ދެ ފަަހަރު މި ކޮންފަރެންސް ބާއްވާފައިވެއެވެ. އަދި ކޮންފަރެންސްގެ މަގުސަދަކީ, ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާތަކާއި، އެ ކުދިންނަށް ދެވޭ ފަރުވާތަކަށް އަންނަ ޒަމާނީ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ތެލެސީމިއާ ހުންނަ ކުދިންގެ ބެލެނިވެރިންނަށް، މި ބައްޔާ ގުޅޭގޮތުން އަހުލުވެރިކުރުމެވެ.