ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ނެޝަނަލް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވައި ލައްވައިފިއެވެ. އެމަނިކުފާނު ވަނީ އެތަނުގެ ހާލަތު ބައްލަވާލައްވައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ.
މި ޒިޔާރަތުގައި ނައިބު ރައީސް ވިދާޅުވި ތެލެސީމިއާ ސެންޓަރަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދެއްވަން މަސައްކަތް ކުރައްވާނެކަމަށެވެ. ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަމާއި ވަޞީލަތްތަކުގެ ދަތިކަމާއި ތަނުގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ނައިބު ރައީސާއި ޙިއްޞާ ކުރައްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޞިއްޙީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، އެ ސެންޓަރުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.