ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިއްސާ އާންމުންނަށް ވިއްކުންކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މި ފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކެބިނެޓުގެ ނިންމުންތައް ހިއްސާކުރައްވަމުންނެވެ. މިއަދުގެ ކެބިނެޓުގައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން އަކީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމައިފައެވެ.
މިކަމުގެ ތަފްސީލު ދެއްވަމުން ހައިދަރު ވިދާޅުވީ އޭރުން އެފްޑީސީން ކުރާ މަސައްކަތްތަކަކީ ހުޅުމާލޭގެ އިތުރުން މުޅި ރާއްޖޭގައި ވެސް އަސާސީ ބޯހިޔާވަހިކަމާއި ސޯޝަލް ހައުސިން ފޯރުކޮށްދިނުމަށް އެންމެ ބޮޑު ރޯލެއް ކުޅޭނެ ކުންފުންޏަކަށް ވެގެންދާނެކަމަށެވެ. ހައިދަރު ވިދާޅުވީ މިއީ ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ބޭނުމުގައި، އެއްކަހަލަ މަސައްކަތްތައް ކުރާ ކުންފުނިތައް އެއްކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ނިންމެވި ނިންމެވުމެއް ކަމަށެވެ.
މިއާއެކު ރައީސްގެ ވިސްނުންފުޅަކީ ކުރިއަށް އޮތްތާނގައި އެޗްޑީސީގެ ހިއްސާ އާންމުންނަށް ވިއްކުންކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.
“މިއަދު ކެބިނެޓުގައި ނުނިންމެވި ނަމަވެސް ރައީސް ވިސްނަވާފައި އޮތީ އެޗްޑީސީއަކީ އާންމުންގެ ވެސް ހިއްސާ އޮންނަ ކުންފުންޏަކަށް ހަދަން. ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަކަށް ހެދުން،” ހައިދަރު ވިދާޅުވިއެވެ.
ހިއްސާ ވިއްކުމާ ގުޅޭ އިތުރު ތަފްސީލެއް ހައިދަރު ހާމައެއް ނުކުރައްވައެވެ.
މި ވަގުތު އެޗްޑީސީއަކީ ހުޅުމާލޭގެ މުނިސިޕަލް ނޫން، އެހެން ހުރިހާ ކަމެއް ބަލަހައްޓާ ކުންފުންޏެވެ. އެފްޑީސީއަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އުފެއްދެވި ކުންފުންޏެކެވެ. އެޗްޑީސީގެ ސަބްސިޑަރީއަކަށް އެފްޑީސީ ހަދައިފައިވާއިރު، މި ދެ ކުންފުނި މެދުވެރިކޮށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކުރަން މުހިންމު ކަންތައްތަކެއް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބްރޭންޑް ނަމެއްގެ ގޮތުގައި “އާބަންކޯ” ކިޔުން ހުއްޓާލައި އެ ކުންފުނީގެ ނަމުގައި ގޮތުގައި އަނެއްކާވެސް އެޗްޑީސީ ބޭނުންކުރަންވެސް މިއަދު މިވަނީ ފަށާފައެވެ. އެޗްޑީސީގެ ނަމުގެ ބަދަލުގައި އެ ކުންފުނީގެ ބްރެންޑް ނަމުގެ ގޮތުގައި “އާބަންކޯ” އާންމުކޮށް ބޭނުންކުރުމަށް އެޗްޑީސީ އިން ނިންމީ އެ ކުންފުންޏަށް 22 އަހަރު ފުރުމާ ދިމާކޮށް ކުންފުނި ރީބްރޭންޑް ކުރުމަށްފަހު މިދިޔަ އަހަރުގެ އޭޕްރީލް އެއްވަނަ ދުވަހު އެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން އެޗްޑީސީ އެންމެ ފުރަތަމަ އުފެއްދީ 2001 ވަނަ އަހަރު ރައީސް އޮފީހުން ހިންގާ ވަކި ޔުނިޓެއްގެ ގޮތުގައެވެ. އޭގެފަހުން އެޗްޑީސީގެ ނަން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމަށްވެސް ބަދަލުކުރި އެވެ. އަދި އޭގެފަހުން ކުންފުނީގެ މެންޑޭޓް ފުޅާކޮށް އަދި ހުޅުމާލޭގެ އިތުރުން ތިލަފުށި، ގުޅިފަޅު، ކުޑަގިރި ވެސް އެޗްޑީސީއަށް ބަދަލުކޮށް އެކުންފުނީގެ ނަން ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލުކުރި އެވެ.