ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ނިމޭނެކަމަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދ. ކުޑަހުވަދޫގެ ހުރިހާ ގޭބިސީއެއްގެ ކަރަންޓް މީޓަރުތައް ޑިޖިޓަލް ސްމާޓް މީޓަރަށް ބަދަލުކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތާރިގް ވިދާޅުވީ ޑިޖިޓަލް ސްމާޓް މީޓަރު ބޭނުންކޮށްގެން ކަރަންޓު ބޭނުންކުރެވޭ މިންވަރު ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި ގޭބިސީތަކާއި، ރަށުގެ ކޮންމެ ސަރަޙައްދެއްގައިވެސް ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ ސްމާޓް މީޓަރު މެދުވެރިކޮށް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކަރަންޓް ލީކެއް އުޅޭނަމަ އޭގެ ސަބަބުވެސް އެނގިގެންދާނެ ކަމަށާއި މިއީ ހަކަތަ އިގުތިސާދު ކުރުމަށް އެޅިގެންދާ ފިޔަވަޅެއްކަމަށް ތާރިގް ވިދާޅުވިއެވެ. އަދި ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ވަގުތުތައް އެނގިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް ތާރިގު ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ފެނަކަ އިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށެވެ.