ގައުމީ ބޭންކް ބީއެމްއެލުން މިމަހުގެ 25 ވަނަ ދުވަހު ނިންމި ބޮޑު ނިންމުމާ ގުޅުވައިގެން ކުރަން އުޅުނީ ސީދާ ބަޣާވާތެއް ކަމަށާއި އޭގެ އަޑީގައި ތިބި ބަޔަކު ހޯދައި އަދަބު ވެސް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ރޭ ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އެ މައްސަލަ ގާނޫނު އަސާސީގައި އޮތް ގޮތަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.
” ބީއެމްއެލް އިން އިއްޔެ އެ ނިންމުން ނިންމަން އުޅޭކަން އެނގުނު ހިސާބުން ފެށިގެން މިނިސްޓަރުންނާ އެކު ވަރަށް ގިނަ މަސައްކަތްތައް ކުރިން. ބީއެމްއެލް އިން އެގޮތަށް ނިންމީ އަޅުގަނޑާއި ދެކޮޅަށް. ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބޭންކަކުން ސަރުކާރާ ދެކޮޅަށް އެފަދަ ނިންމުމެއް ނިންމުމުން ވަރަށް ގިނަ ބަޔަކު ސުވާލު އުފެއްދި . ނަމަވެސް، ގިނަ ބަޔަކަށް ނޭނގި އޮތީ ބީއެމްއެލްގެ ބޯޑުގައި ސަރުކާރުގެ މެޖޯރިޓީ މި ވަގުތު ނެތްކަން” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީން އެ މަސައްކަތް ކުރީ ވަރަށް ދުރާލާ ރާވައިގެންނެވެ. އެ ގޮތުން ކައިރި ބައެއް ގައުމުތަކުގައި ރައްޔިތުން މަގުމައްޗަށް ނުކުތުމުގެ މިސާލު ދައްކައިގެން ހިތްވަރުދިނުމަށް މަސައްކަތްތަކެއް އެޕާޓީން ކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ވަކި ބަޔަކު އަޑީގައި ތިބެގެން ދުރާލައި ރާވައިގެން ކުރަން އުޅުނު ބަޣާވާތެއް ކަމަށެވެ. އެކަމަށް ބާރު ލިބޭ ހެކިތަކެއް ހުރުމުން ފުލުހުން މިހާރު ތަހުގީގު ވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
“ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް. މި ސަރުކާރުން ފުލުހުންގެ އިދާރާއަކަށް އަދި ސިފައިންގެ އިދާރާއަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެ ބޭފުޅުން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ފެންނަ ކަމެއް ފެނުނީމާ، އެ ދާނީ ރައްޔިތުންނާ ވެސް ހިއްސާ ކުރަމުން” ރައީސް ވިދާޅުވިއެވެ.