English Edition
Dhivehi Edition

މިއަހަރުގެ ނޮވެމްބަރު މަސް އަންނައިރު ރާއްޖޭގެ ރިޒާވް ރަނގަޅުކޮށް އިގްތިޞާދު އަލުން ރަނގަޅު ޙާލަތަށް ގެނެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރު މަސް އަންނަންވާއިރަށް ރިޒާވް ރަނގަޅުކޮށް އިގްތިސާދަށް ރަނގަޅު ކުރިއެރުންތައް ގެނެސްދީ، ބިލުތަކަށް ރައްޔިތުންނަށް ފިނޭންސް މިނިސްޓްރީން ޕޭމަންޓްތައް ހަދައި. މި ޕޭމަންޓްތައް ލިބެންހުރި ކުންފުނިތަކަށް ފައިސާ ދެއްވަވާނެ ކަމަށާއި ފައިސާ ޗާޕް ނުކޮށް، ގިނަ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުވެސް ޤައުމުގެ ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވާފައިވާނެ ކަމަށާއި އެގޮތުން ކުރީގެ ސަރުކާރުން ރާއްޖެ އިގްތިސާދީގޮތުން ފުން އަނދަވަޅަކަށް ވައްޓާފައިވާ ކަމަށެވެ. އެގޮތަށް ދިމާވީ ގިނަ އަދަދެއްގެ ރުފިޔާ ޗާޕުކުރުމާއި ބޮޑު އިންޓްރަސްޓެއްގައި ލޯނުތައް ނެގުމާއި ކޮވިޑު ތެރޭގައި އިސްރާފުކުރުމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

“އިގްތިސާދީ ހުރިހާ މާހިރުން، ދުނިޔޭގެ އެހެން ހުރިހާ ޖަމިއްޔާތަކެއް، އައިއެމްއެފް، ވޯލްޑްބޭންކް އަދި އެހެން ފަރާތްތައްވެސް ފާހަގަކުރާ އެންމެ އަސާސީ ކަމަކީ ފައިސާ އިތުރަށް ޗާޕުނުކޮށް ދެން ކަންކަން ރަނގަޅުކޮށް ރިޒާވް ވަރުގަދަކޮށް ކަންކަން ރަނގަޅުކުރަން މަސައްކަތް ފެށީމައޭ ރަނގަޅު މިސްރާބުން ދާނީ. އެ މަސައްކަތް އެގޮތަށް ފެށުމުން އަޅުގަނޑުމެންނަށް އިހުސާސްވާންފެށީ ވެއްޓިފައިވާ ފުން އަނދަވަޅު،” ރައީސް ވިދާޅުވިއެވެ.