ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސް އާއި ޕެންޝަން ފައިސާ އާއި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދޭން ޖެހޭ ގޮތަށް ކެބިނެޓުން ނިންމައިފި އެވެ.
ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކާއިރު މިހާރު ބައެއް ހާލަތްތަކުގައި ރުފިޔާއިން ފައިސާ ދައްކާ ކަމަށެވެ. އެގޮތުން އެ ކުންފުނިތަކުން ކޯޕަރޭޓް އިންކަމް ޓެކްސް މީރާއަށް ދައްކަނީ ދިވެހި ރުފިޔާއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޑޮލަރުގެ ތާށިކަމަށް ލުޔެއް ހޯދުމަށް ޕެންޝަން ގާނޫނާއި އިންކަމް ޓެކްސް ގާނޫނު އަދި މީރާގެ ގާނޫނަށް ވެސް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެގޮތުން ޑޮލަރުން އިންކަމް ލިބޭ ކުންފުނިތަކުން ރާއްޖެއަށް، މީރާއަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާ މީގެ ފަހުން ޑޮލަރުން ދައްކާގޮތަށް ގާނޫނަށް ބަދަލު ގެނެސް އެކަން އިސްލާޙް ކުރުމަށް ކެބިނެޓުން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ޓަކައި އެމްއެމްއޭއާ މަޝްވަރާކޮށް، މީރާއާ މަޝްވަރާކޮށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ވަރަށް އަވަަސް މުއްދަތެއްގެ ތެރޭގައި އެކަން ގެންނާނެ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ދައްކާ ކަސްޓަމް ޑިއުޓީ ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“މިހެން މިހަދަން ޖެހޭ ސަބަބަކީ ވަރަށް ގިނަ ފަހަރަށް ލިބޭ ޝަކުވާއެއް ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ރުފިޔާއިން ދެއްކުމަށް ޓަކައި ބްލެކް މާކެޓުގައި މާރުކުރާ ވާހަކައަކީ. އެހެންވީމަ މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ކެބިނެޓުން މިއަދު ވަނީ މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ޓަކައި މި ތިން ކަންތައް ނިންމާފައި،” އުޝާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ނިންމުންތަކާ ގުޅިގެން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ހުށަހަޅާނެ ކަމަށާއި، ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތަންފީޒު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ އެފަދަ ބަދަލުތައް ގެންނަން ޖެހެނީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި ކަޅު ބާޒާރަށް ޑޮލަރު ވިއްކައިގެން ފައިސާ ހޯދައިގެން އެކަން ކުރާކަން ފާހަގަކުރެވޭތީ ކަމަށެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބޭރު ފައިސާގެ ދަތިކަން ވަނީ ވަރަށް ބޮޑުވެފައެވެ. އެއާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެފައި ވަނިކޮށް، ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމައިފައިވާކަން އިއްޔެ ބީއެމްއެލުން އިއުލާންކުރިއެވެ. އެ ނިންމުމާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ފަހުން ބީއެމްއެލުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.