ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުކަމުން ވަކިކުރި ކަމަށް ބުނެ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނަށް (އައިސްތު ނޫރައްދީން) ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިޓީއެއް ފޮނުވައިފި އެވެ.
އައިޝަތު ނޫރައްދީން އަކީ ބީއެމްއެލް ގައި 42 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ބީއެމްއެލްގެ ބޯޑު މެންބަރުކަމުން ވަކިކުރި ކަމަށް ބުނެ އައިޝަތު ނޫރައްދީނަށް ޕީސީބީން ސިޓީއެއް ފޮނުވި ނަމަވެސް އެގޮތަށް ބޯޑު މެންބަރުން ވަކި ކުރުމަކަށް އެ ބޭންކުގެ ހިންގާ ގަވާއިދު ތަނެއް ނުދެ އެވެ. ބީއެމްއެލްއަކީ އާންމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާތީ އެ ތަނުގެ ބޯޑަށް މީހުން އައްޔަންކޮށް ވަކިކުރެވޭނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.
ބީއެމްއެލްގެ ބައެއް ޑިރެކްޓަރުން މިދިޔަ ޖެނުއަރީ މަހު ވެސް ޕީސީބީގެ ސިޓީއަކުން ވަކިކުރި އެވެ. އެއީ ގާނޫނީ ގޮތުން ޕީސީބީ އަށް ކުރެވޭނެ ކަމަކަށް ނުވާތީ އަލުން އެ ބޭފުޅުން އައްޔަންކުރި އެވެ. ފަހުން އެ ބޭފުޅުން ބޯޑުން ވަކިކުރީ ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމަކުންނެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ވެސް މިހާރު ހުންނެވި އައިސްތު އަކީ އެ ބޭންކުގައި މިހާރު ދެ ވަނަ އަށް އެންމެ ގިނަ ދުވަސްވީ ބޭފުޅާ އެވެ. އޭނާ ބީއެމްއެލްއާ ގުޅިވަޑައިގަތީ 1982 ގަ އެވެ.