ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ މި އަހަރުގެ އޯގަސްޓު މަހުގެ 7 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މި ބިލުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) އިޞްލާޙުކޮށް، އެ މާއްދާގެ ދަށުން ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު ހުޅުވިއްޖެކަން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިޢުލާންކުރާގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ޤާނޫނުގެ 26 ވަނަ މާއްދާގެ ފަހަތަށް “26-1 ވަނަ މާއްދާގެ ގޮތުގައި” މާއްދާއެއް އިތުރުކޮށް، އެ މާއްދާގައި ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަން ބާއްވާނެ ގޮތުގެ އިޖުރާއަތުތައް މި ބިލުން ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން އެ މާއްދާގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން ވާނީ އަހަރަކު ދެފަހަރު ކަމަށާއި، މިގޮތަށް ބާއްވާ ދެ ބައި-އިލެކްޝަނެއްގެ ދެމެދުގައި 183 ދުވަހަށްވުރެ ދިގު މުއްދަތެއް، އަދި 120 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.