English Edition
Dhivehi Edition

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ފުޅާކޮށް، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކޮށްގެން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި، ދިވެހިން އެންމެ ޒަމާނުއްސުރެ ކުރަމުން އަންނަ މަސްވެރިކަމަކީ ދިވެހިވަންތަ، އަދި އެ މަސައްކަތާމެދު ދިވެހިން ފަހުރުވެރިވާ މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. ދިވެހިންގެ އާދަކާދައާއި ސަގާފަތާ ގުޅިލާމެހިފައިވާ މި މަސައްކަތަކީ ގައުމުގެ އިގްތިސާދުގެ މައި ތަނބުކަމުގައި ވީހިނދު، ސަރުކާރުން މަސައްކަތްކުރަމުން ދަނީ މި ދާއިރާ އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރި އާއިލާތަކުގެ ފުދުންތެރިކަން އިތުރުކޮށް، ގައުމަށް ލިބޭ ނަފާ އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމާފައިވަނީ ރ. ދުވާފަރުގައެވެ. މިގޮތުން މި މަހުގެ 10 އިން 13 އަށް އެ ރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި މަސްވެރިންގެ ހާއްސަ ފޯރަމަކާއި، މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ ފޯރިގަދަ މަސް ރޭހެއްގެ އިތުރުން މަސްކެނޑުމުގެ މުބާރާތެއް ހިމެނެއެވެ. މީގެއިތުރުން ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.