މާލޭސިޓީގައި ބޭނުން ނުކޮށް ބާވެ ގިނަ ދުވަސް ވެފައިވާ ޢިމާރާތްތައް ތަޅައިލުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ސިޓީސް ލޯކަލް ގަވަރމެންޓް މިނިސްޓްރީން ކަމާ ގުޅޭ މުއައްސަސާ ތަކާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާގައި ބައިވެރިވެ ވަޑައިގެންނެވީ ސިޓީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމެވެ.އޭގެ އިތުރުން މިކަމަށްޓަކައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މާލޭ ސިޓީކައުންސިލްގެ މޭޔަރ އާދަމް ޢާޒިމްގެ އިތުރުން އެމްޓީސީސީއާއި، ރޯޑް ކޯޕަރޭޝަނާއި އަދި ވެމްކޯގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމް ވަނީ މާލޭގައި ވަރަށް ބޮޑަށް ބާވެފައިވާ 4 ބުރީގެ ޢިމާރާތަކާއި 6 ބުރީގެ ޢިމާރާތެއް ވަރަށް އަވަހަށް ތަޅައިލުމަށް އެހީތެރިވުމަށް މިއަދުގެ ބައްދަލުވުމުގައި ބައިވެރި ވި މުއައްސަސާތަކުގެ ކިބައިން އެދިފައެވެ. އެ ފަދަ ޢިމާރާތްތަކަކީ ވަރަށް ގިނަ ބަޔަކު އުޅޭ ސަރަޙައްދުގައި ހުރި ޢިމާރާތްތަކެއް ކަމަށް ވުމާއެކު ނުރައްކާތެރި ޙާދިސާއެއް ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން ޖެހޭ ކަމަށް ބައްދަލުވުމުގެ ބައިވެރިން އެއްބަސްވެފައިވެއެވެ.