English Edition
Dhivehi Edition
ފޮޓޯ: ޔޫތު މިނިސްޓްރީ

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ނޫސްވެރިންނާއި، މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން “ހޭލުންތެރި މީޑިއާ”ގެ ނަމުގައި ހިންގި ތަމްރީން ޕްރޮގްރާމު ނިންމާލައިފިއެވެ.

ފުވައްމުލަކު ސިޓީގައި މިމަހު 19 އިން 20 އަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވަނީ 28 ބައިވެރިންނެވެ.

‎ޔޫތު މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ނޫސްވެރިކަމުގައި އުޅޭ އަދި ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ފަރާތްތައް ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އަހުލުވެރިކުރުވުން ކަމަށެވެ. މީގެ އިތުރުން ދޮގު ޚަބަރު ފެތުރުމުން ލިބޭ ގެއްލުމާއި، ނޫސްވެރިންނަށް ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ޙަބަރު ގެނެސްދިނުމަށް މައުލޫމާތުދިނުން ހިމެނެއެވެ.

‎މި ޕްރޮގްރާމްގައި ބައިވެރިންނާއި މައުލޫމާތު ހިއްސާކުރާ މައުޟޫތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަޙްލާޤު، ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް، ދިވެހިރާއްޖޭގެ ތަރައްޤީގައި ނޫސްވެރިންގެ ދައުރު، ތަޙްޤީޤީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް، އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ފުރުޞަތުތައް އަދި ފޭކް ނިއުސް އެންޑް ޝޮލިއުޝަން ޖާރނަލިޒަމް ހިމެނެއެވެ.