English Edition
Dhivehi Edition
ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ވެހިކަލް ހަވާލުކުރުން ފޮޓޯ: ފުލުހުން

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެއްގަމު އުޅަނދު ހަދިޔާކޮށްފިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް ދިޔާކޮށްފައިވަނީ 54 ކާރާއި 4 ވޭންއެވެ. މީގެކުރިން ވެސް ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެއެވެ. އަދި އެތަކެތީގެ ތެރޭގައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓު ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ މުޖުތަމައުގައި ކުށްކުރުން އިތުރުވަމުންދާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އިތުރުކުރަންޖެހިފައިވާ ކަަމަށެވެ. އަދިި އެކަންކުރެވޭނީ ރަނގަޅު ވަސީލަތްތައް ފުލުހުންގެ ހިދުމަތުގައި ގާއިމުކޮށްގެންކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ޖަޕާނު ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކާއެކު ފުލުހުންގެ މި މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ހަމައެހެންމެ ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ފުލުހުންގެ ގާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެ އިތުުރުން، ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް އެކިގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެެ.

މި ރަސްމިއްޔާތުގައި ޖަޕާން ސަފީރު ވިދާޅުވީ، މީ ޖަޕާނު ސަރުކާރުން ލޯ އެންފޯސްމެންޓަށް ސަޕޯޓުދޭން ބޭނުންވާކަމުގެ ހެއްކެއްކަމަށާއި މިކަމުގެ ސަބަބުން ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ފަސޭހަވާނެކަމަށެވެ. އެގޮތުން ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެނިހެން ވަސީލަތްތައް ވެސް ޖަޕާނު ސަރުކާރުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ. .އެގޮތުން މެޓަލް ޑިޓެކްޓަރ، ލޭސަރަރ، ޕެސެންޖަރ ކްރާފްޓު އަދި ރަބަރ ބޯޓު ފަދަ ތަކެތި ހަދިޔާކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެއްދެއްވާ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ފިލައާ ހަވާލުވެލެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.

ޓެގު