English Edition
Dhivehi Edition

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އެމެރިކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހަބުގެ ކެމްޕެއިން ރެލީއެއްގައި ޓްރަމްޕަށް އަމާޒުކޮށް މިހާކު ބަޑި ޖެހީ ޕޯޑިއަމް ކައިރީގައި ހުއްޓި ވަޑައިގެން ވާހަކަ ދައްކަވަން ފެއްޓެވިތާ މާގިނައިރެއް ނުވަނީހެވެ. ބަޑީގެ އަޑުފައްގަނޑާއެކު ސީކްރެޓް ސާވިސްއިން ޓްރަމްޕް ވަށައިލާފައިވާއިރު، ސްޓޭޖުން ދުރަށް ގެންދިޔަ ވަގުތު ޓްރަމްޕްގެ ކަންފަތް ކައިރިން ލޭ ފައިބާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ހަމަލާގައި ވަޒަން އަމާޒުވީ ކަނާތު ކަންފަތަށްކަމަށެވެ، އަދި އެ މަނިކުފާނުގެ ތަރުޖަމާނު ވަނީ ޓްރަމްޕަށް ފަރުވާ ދެމުން އަންނަނީ ލޯކަލް މެޑިކަލް ސެންޓަރެއްގައި ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ސީކްރެޓް ސާވިސްގެ ތަރުޖަމާނު އެންތޮނީ ގުގްލިއެލްމީ ވިދާޅުވީ ޓްރަމްޕަށް އަމާޒުކޮށް ހަމަލާދިން މީހާ މަރާލާފައިވާކަމަށާއި އެ ހަމަލާގައި އިތުރު މީހަކު މަރުވެ، ދެ މީހަކަށް އަނިޔާވި ކަމަށެވެ.

މީގެ އިތުރުން އެ އެޖެންސީ އިން ބުނީ ޓްރަމްޕަށް ހަމަލާދިން މީހާގެ އެއްވެސް އައިޑީ ކާޑެއް ނެތްކަމަށާއި، އެހެންކަމުން އެއީ ކާކުކަން ދެނެގަތުމަށް ޑީއެންއޭ ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެމެރިކާގެ ސަލާމަތީ ޚިދުމަތްތަކުން އަންނަނީ އެއީ ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.