English Edition
Dhivehi Edition
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސިން ހޯދުމަށް ހިންގާ އޕަރޭޝަންގައި ތަނެއް ބަލާ ފާސްކުރުން/ފޮޓޯ އިމިގްރޭޝަން

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ހަ ބިދޭސީއަކު ރޭވެސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭވެސް މާލެ ސަރަހައްދުގައި ބިދޭސީން ވިޔަފާރިކުރަމުންދިއަ 04 ތަނެއް ބަލާ ފާސްކުރިކަމަށެވެ. އަދި، މި ރެއިޑްތަކުގައި ބިދޭސީ 05 ފިރެހެނަކާއި 01 އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ.

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަންގައި ހޯމަ ދުވަހުގެ ރޭ އިމިގްރޭޝަނުން މާލެއާއި ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ރެއިޑްތަކެއްގައި، ގަވާއިދާ ހިލާފަށް ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދިޔަ 8 ބިދޭސީއަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ފުޅާދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރާ ބޮޑެއްވެސް ހިމެނެއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އެކި ވިޔަފާރިތަކުގައި ޝާމިލުވާ މީހުން ހޯދުމަށް އިމިގްރޭޝަނުން ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މާލޭގެ ދެމާރުކޭޓަކާއި، ކެފޭތަކާއި، ފިހާރަތަކާއި، ސްޕާތަކުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން އަންނަ މީހުން ހޯދުމަށް ޚާއްސަ އޮޕަރޭޝަންތައް ހިންގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހުއްދަނެތް ވިޔަފާރި ހަރަކާތްތަކުގައި އުޅޭ މީހުންނާއި، ގަވާއިދާއި ޚިލާފަށް ވިޔަފާރި ކުރާ މީހުން ހިމެނެއެވެ. މީގެ އިތުރުން ޑޮލަރުގެ ވަގުވިޔަފާރި ކުރާ މީހުންނާއި، ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވަމުން އައި ބިދޭސީންތަކެއްވެސް މީގެތެރޭގައި ހިމެނެއެވެ.

މި އޮޕަރޭޝަންތަކުގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދު 70 އަށްވުރެ މައްޗަށް އަރާފައިވާއިރު، މި އެންމެންވެސް ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.