English Edition
Dhivehi Edition

ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގައި ވިޔަފާރި ކުރަމުން ދިޔަ އިތުރު، ބިދޭސީ އަންހެނަކު އަތުލައިގެންފިއެވެ.

މިއަދު އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތެއް ކަމުގައިވާ “ސުޝްމިތާ ދައުގޮދާ” އާންމު ނަމުންނަމަ ސުޒޫ އާއި ގުޅޭގޮތުން “އިމިގްރޭޝަން ވޮޗް” އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން، 2024 އޮގަސްޓު 18 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައި ކަމަށެވެ. އެގޮތުން މި ބިދޭސީފަރާތަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އައި ފަރާތަކަށް ވާތީ އޭނާ ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، 2024 އޮގަސްޓު 20 ވަނަ ދުވަހު ފުރުވާލާފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ސެލޫން ހިންގަމުން އައި ބިދޭސީ އަންހެނަކު ފުރުވާލާފައިވާއިރު، އިމިގްރޭޝަނުން ވަނީ ޓިކްޓޮކް މެދުވެރިކޮށް ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ “ރިޒް ސެލޫން”ގެ ރަޖަނީ ޝްރެސްތާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާފައެވެ. އޭނާއަކީ ވެސް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ މީހެއް ކަމަށެވެ.

އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރުމަށް ޚާއްސަކޮށްގެން ”އިމިގްރޭޝަން ވޮޗް”ގެ ނަމުގައި ޕޯޓަލްއެއް ތައާރަފުކޮށްފައިވަނީ ވެސް އެ މަސައްކަތުގެ ތެރެއިންނެވެ.

އިމިގްރޭޝަންގެ ވޮޗްގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެެއެވެ.