English Edition
Dhivehi Edition

ޖަރުމަނުގައި މިހާރު ކުރިއަށް ދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ނިމިނި، ސެމީ ފައިނަލުގެ މެޗުތަކުގެ ކުޅުން މިރޭ ފެށުމައް މިވަނީ ތައްޔާރުވެފައެވެ. ސެމީ ފައިނަލަގެ ޖާގަތައް ކަށަވަރުކުރި ހަތަރު ޓީމަކީ ފްރާންސް، ސްޕެއިން، ނެދަލެންޑްސް އަދި އިންގްލެންޑެވެ.

ސެމީ ފައިނަލުގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭއިރު، މިރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވާދަވެރި ގަދަ ދެ ބާރު ސްޕެއިންނާއި ފްރާންސެވެ.

ފްރާންސް އަދި ސްޕެއިން މި މުބާރާތުގެ ސެމީ އިން ޖާގަ ހޯދިގޮތަށް ބަލާއިރު، ފްރާންސް ސެމީ ފައިނަލަށް ދަތުރުކޮށްފައި މިވަނީ ވަރުގަދަ ޕޯޗުގަލް ބަލިކުރުމަށް ފަހުގައެވެ. އަދި ސްޕެއިން ސެމީއަށް ދަތުރުކުރީ މުބާރާތް ބާއްވާ ގައުމު ޖާމަނީ ބަލިކުރުމަށް ފަހުގައެވެ.

ހެޑް-ޓު-ހެޑް ނަތީޖާތައް

ޔޫރޯ މުބާރާތުގެ ތާރީޚައް ބަލާއިރު، ފްރާންސް އަދި ސްޕެއިން އަކީ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެ ކާމިޔާބު އަދި އެންމެ ވާދަވެރި ދެޓީމުކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ޔޫރޯ މުބާރާތުގައި މި ދެޓީމުގެ ތާރީޚީ ކުރިމަތިލުންތަކަށް ބަލާއިރު، މި ދެ ޓީމުގެ އެންމެ ވާދަވެރި ކުރިމަތި ލުމަކީ 1984 ވަނަ އަހަރު ފްރަަންސްގައި އޮތް ޔޫރޯ މުބާރާތުގެ ފައިނަލް މެޗެވެ. އެ މުބާރާތުގެ ފައިނަލުގައި މި ދެޓީމު ބައްދަލުކޮށްފައިވާއިރު، އެ މެޗު 0-2 އިން ކާމިޔާބުކޮށް މުބާރާތުގެ ތަށި ނަގާފައިވަނީ ފްރާންސުންނެވެ.

އޭގެ ފަހުން 96 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެޓީމު ބައްދަލުކުރިއިރު، މި މެޗު ވަނީ 1-1 އުން އެއްވަރުވެފައެވެ. އަދި 2000 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލުގައި މި ދެޓީމު ބައްދަލުކުރިއިރު، އެ މެޗު 1-2 އިން ކާމިޔާބުކޮށްފައި ވަނީ ފްރާންސުންނެވެ.

2012 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލުގައިވެސް ފްރާންސް އަދި ސްޕެއިން ވަނީ ބައްދަލުކޮށްފައެވެ. އެފަހަރު 2-0 ގެ ނަތީޖާއިން މޮޅުވެފައިވަނީ ސްޕެއިންއެވެ. މިއީ ޔޫރޯ މުބާރާތުގެ ފައިނަލް ބުރުގެ މެޗެއްގައި މި ދެޓީމު ބައްދަލުކުރި އެންމެ ފަހުގެ ބައްދަލުކުރުމެވެ. އޭގެ ފަހުން މިހާތަނަށް އަދި މި މުބަރާތުގެ ފައިނަލް ބުރުގެ މެއްގައި ފްރާންސް އަދި ސްޕެއިން ބައްދަލުކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން މި ދެޓީމު ބައްދަލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ކުޅެވުނު ނޭޝަންސް ލީގުގެ މެޗެއްގައެވެ. އެ މެޗު 1-2 އިން ކާމިޔާބުކުރީ ފްރާންސުންނެވެ.

ސްޕެއިން މިރޭ ފްރާންސާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛

އުނައި ސިމޯން، ނަވާސް، ނަޗޯ، ލަޕޯޓް، ކުކުރެލާ، އޮލްމޯ، ރޮޑްރީ، ފަބިއަން، ލަމީން ޔަމާލް، މޮރާޓާ، ވިލިއަމްސް.

ފްރާންސުން މިރޭ ސްޕެއިންނާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛

ގޯލްކީޕަރު މައިނަން، ކުންޑޭ، ސަލީބާ، އުފަމެކާނޯ، ހެނާންޑޭޒް، ކާންޓޭ، ޗުއަމިނީ، ކަމަވިންގާ، ގްރީޒްމަން، ކޯލޯ މުއާނީ، އެމްބާޕޭ.

ޔޫރޯ ސެމީ ފައިނަލުގައި ސްޕެއިން އަދި ފްރާންސް ބައްދަލުކުރާ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއުރުގައެވެ.