English Edition
Dhivehi Edition

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބާއި އެހެން މަގާމަކަށް ވެސް ވާދަކުރެއްވުމުގެ ފުރުސަތު އެ ޕާޓީގެ ކުރީގެ ޗެއަރ ޕާރސަން މޫސާ މަނިކު (ރީކޯ މޫސަ)އަށް ނުދޭން އެޕާޓީން ނިންމައިފި އެވެ.

އެމްޑީޕީގެ މާލެ ސިޓީ ރައީސްކަމަށް ވާދަކުރައްވަން މޫސާ މަނިކު ފޯމު ހުށަހެޅުއްވުމުން އެފުރުސަތު ނެތްކަން އެމްޑީޕީން ވަނީ އަންގާފައެވެ. މޫސަ ވަނީ އެމްޑީޕީން އެކަން ބަޔާންކޮށް ދިން ޖަވާބު ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

އެމްޑީޕީން މޫސަށް ދިން ޖަވާބުގައި ބުނެފައި ވަނީ، އެ ޕާޓީން މޫސަ ވަކިކުރީ އަނބުރާ ޕާޓީއާ ގުޅިވަޑައިގެންފި ނަމަ ވެސް އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެއްވެސް މަގާމަކަށް އަދި އިންތިހާބަކަށް ވާދަ ނުކުރެއްވޭ ގޮތަށް ކަމަށެވެ.

މޫސާ މަނިކު އެމްޑީޕީން ވަކިކޮށްފައިވަނީ އޭރު ޕާޓީގެ ވިޕްލައިނާއި ޚިލާފުވުމުން، އެ މައްސަލަ ބެލުމަށް ފަހު ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން 2014 އަހަރު ޑިސެމްބަރު މަހުއެވެ. އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 2022 ވަނަ އަހަރުއެވެ.

މިމައްސަލާގައި މޫސާ މަނިކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ ލީޑަރޝިޕުން އޭނާއަށް ފުރުސަތު ނުދިން ސަބަބާމެދު ސުވާލު އުފައްދަވާފައެވެ. އަދި ޕާޓީގެ ލީޑަރޝިޕަށް އޮތް ބިރަކީ ވެރިކަން ލިބުމަށް އޮތް ހުރަހަކަށް ވުންކަމަށް އޭނާ ވިދާޅުވިއެވެ. އޭރުވެސް ޕާޓީން ކަނޑާލީ އެހެންވެ ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

އެމްޑީޕީން މޫސަ ވަކި ކުރުމުން އަމިއްލަ މެންބަރެއް ގޮތުގައި ހުންނެވުމަށް ފަހު، އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ޕީޕީއެމްއާ އެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވުމުން ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.