English Edition
Dhivehi Edition
ރާއްޖެއިން ފުރާ ބިދޭސީން

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީން ޑީޕޯޓުކުރަން ނިންމާފައިވާކަމަށް, ކޮންޓްރޯލާ އޮފް އިމިގްރޭޝާން މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވީ ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯރޓް ކުރުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

ކޮންޓްރޯލާ މީހެން ވިދާޅުވެފައިވާއިރު, މިދިޔަ ބުރާސްފަތި ދުވަހު އިމްގްރޭޝަނުން ބުނެފައިވަނީ, ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ 7 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ‘މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ’ އިން ގެންގުޅުއްވާ ސިޔާސަތާއި އެއްގޮތަށް، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ، މިމަހު 09 ވަނަ ދުވަހު ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.

މ.ސްޓާކްލައުޑްސް އިމާރާތުގައި ހުންނަ ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމައި ހަރަކާތްތެރިވާކަން އިމިގްރޭޝަނަށް ފާހަގަކުރެވި، އެމީހުން ދެނެގަތުމަށް ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގާފައިކަމަށް ބަޔާނުގައި ބުނެފައިވޭ. އަދި މި އޮޕަރޭޝަން ހިންގާފައިވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއަރޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެނެވެ.

މި އޮޕަރޭޝަންގައި ޖުމްލަ 7 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި މި އެންމެންނަކީ ވެސް ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީންކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އޭ ގެތެރޭގައި، ސައްހަ ވީޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ސަރުކާރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ހިންގައި، ވޭތުވެދިއަ އަހަރުތަކާ އަޅާބަލާއިރު، ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ފުރުވާލަމުންކަމަށް އިމިގްރޭޝަނުންބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ އިމިގްރޭޝަންގެ އެންމެ އިސް އެއް މަޤްސަދުކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.