English Edition
Dhivehi Edition

ޖަރުމަނުގައި މިހާރު ކުރިއަށް ދާ ޔޫއެފާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ މެޗުތަކުގައި ލަނޑު ޖެހުމަށް ކުޅިވަރުގެ ރޫޙާއި ޚިލާފުވާގޮތަށް އުފާ ފައުޅު ކުރިކަމަށް ބަލާ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަ ޖޫޑް ބެކިންހަމްއާއި ތުރުކީގެ ޑިފެންޑަރ މެރިހް ޑެމިރާލް އަށް ފޫއެފާއިން ފިޔަވަޅުއަޅައިފިއެވެ.

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ނޫސްވެރިއެއް ކަމަށްވާ ފެބްރިޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި ބެލިންހަމް އާއި ޑެމިރާލް ލަނޑު ޖެހުމަށް ފަހު، ކުޅިވަރުގެ ރޫޙާއި ޚިލާފަށް، ބޭއަދަބީ ކޮށް، އުފާ ފައުޅުކުރުމުން، ޔޫއެފާއިން ވަނީ އެ މައްސަލަ ބަލައި ތަހުގީގުކޮށް މި ދެ ކުޅުންތެރިންނަށް ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

ބެލިންހަމްގެ މައްސަލަ ޔޫއެފާއިން ބަލަން ފެށީ ދެވަނަ ބުރުގައި ސްލޮވާކިއާ އާއި ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި ލަނޑު ޖެހުމަށް ފަހު، ކުޅިވަރުގެ ރޫޙާއި ޚިލާފުވާ ވޮތަށް އުފާ ފައުޅު ކުރުމުންނެވެ.

މި މައްސަލަ ބަލައި، ތަހުގީގު ކޮށް ޔޫއެފާއި ނިންމާފައިވަނީ ބެލިންހަމް އެއް މެވަށް ސަސްޕެންޑް ކޮށް، 30،000 ޔޫރޯ (25،406 ޕައުންޑް) އިން ޖޫރިމަނާ ކުރުމަށެވެ.

ޔުއެފާއިން ބުނަނީ ބެލިންހަމް އެއް މެޗަށް ސަސްޕެންޑް ކުރިނަމަވެސް، އެ މައްސަލަ ވަގުތުން ތަންފީޒު ނުކުރާ ކަމަށާއި އެގޮތުން އެއް އަހަރުގެ ޕްރޮބޭޝަނަރީ މުއްދަތެއް ދީފައިވާނެ ކަމަށެވެ. އަދި ކުއާޓާ ފައިނަލުގައި ސްވިޒަލެންޑާއި ދެކޮޅަށް އޭނާ އަށް ކުޅެވޭނެ ކަމަށް ވެސް ޔޫއެފާއިން ވަނީ ބުނެފައެވެ.

ބެލިހަމް ގެ އިތުރުން ތުރުކީ ޑިފެންޑަރު މެރިހް ޑެމިރަލް ވެސް އެންމެ ފަހުން އޮސްޓްރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު “ވުލްފް ސެލިއުޓް” ކުރުމުން އޭނާ ވަނީ ދެ މެޗަށް ސަސްޕެންޑް ކޮށްފައެވެ. މި ސަސްޕެންޝަނާއި ގުޅިގެން ކުއާޓާގައި ނެދަލެންޑްސް އާއި ދެކޮޅަށް ތުރުކީ ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

ޔޫއެފާގެ ސަސްޕެންޝަނަށް ފަހު، އެ އިޝާރާތުގެ ދިފާއުގައި ޑެމިރަލް ބުނީ އެއީ ގޯސް އިޝާރާތެއް ނޫން ކަމަށާއި، އެއީ ގައުމީ ފަޚުރުގެ އިޝާރާތެއް ކަމަށެވެ. އަދި އަނެއްކާވެސް ހަމަ އެ އިޝާރާތް ކުރުމުގެ އިތުރު ފުރުސަތުތެއް ލިބޭނެ ކަމަށް އުންމީދުކުރާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޑެމިރަލްގެ މި ސަސްޕެންޝަނާއި ގުޅިގެން ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މުބަރާތް ބާއްވާ ގައުމު ޖަރުމަނަށާއި ޔޫއެފާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެގޮތުން ޔޫއެފާގެ އެ ނިންމުމަކީ ސީދާ ސިޔާސީ ގޮތުން ދިން ހަމަލާއެއް ކަމަށާއި އެކަން ކުއްވެރުކުރާކަމަށް ތުރުކީގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ވަނީ މި މައްސަލަ ސީއޭއެސް އަށް އިސްތިއުނާފަށް ހުށަހަޅައިފައެވެ.