English Edition
Dhivehi Edition

މިހާރު ޖަރުމަނުގައި ކުރިޔަށްދާ ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ދަންވަރު ތުރުކިޔޭ އާއި އޮސްޓްރިއާ ބައްދަލުކުރާނެއެވެ. މިރޭ މި ދެޓީމު ބައްދަލުކުރާ މެޗު މިރޭ ދަންވަރު ރާއްޖޭ ގަޑިން 12:00 ގައި ކުޅެން ހަމަޖެހިފައިވާއިރު، މި މެޗު ކުޅޭނީ ލެއިޕްޒިގް ސްޓޭޑިއަމްގައެވެ.

ހެޑް-ޓު-ހެޑް ނަތީޖާތައް:

ތުރުކިޔޭ އަދި އޮސްޓްރިއާ މިރޭގެ މެޗަށް ނުކުންނައިރު، މި ދެޓީމު މީގެ ކުރިން ޔޫރޯގެ ފައިނަލް ބުރުގައި މީގެ ކުރިން ވާދަކޮށްފައެއް ނުވެއެވެ. މިރޭގެ މެޗަކީ ޔޫރޯ ފުޓްބޯޅަ މުބަރާތުގެ ތާރީޚުގައި މި މުބަރާތުގެ ފައިނަލް ބުރުގައި މި ދެޓީމު ވާދަކުރާ ފުރަތަމަ މެޗެވެ.

ތުރުކިޔޭ

ތުރުކިޔޭ އަކީ މިފަހަރުގެ ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީިޖާތަކެއް ނެރެގެން ދެވަނަ ބުރުން ޖާގަ ހޯދި ޓީމެކެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން ދެމެޗުން މޮޅުވެފައިވެއެވެ. އެއްމެޗުން ވަނީ ބަލިވެފައެވެ.
ތުރުކިޔޭއިން ދެވަނަބުރު ޔަގީން ކުރީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެޓީމު ހިމެނުނު ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ތުރުކިޔޭ އިން މިފަހަރުގެ މުބަރާތުގެ ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ހައިރާންކުރަނިވި ނަތިޖާތަކަކީ އެ ޓީމާއި ދެކޮޅަށް މިރޭ ނުކުންނަ އޮސްޓްރިއާ އެކަމާއި މެދު ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމެކެވެ. އެހެން ކަމުން މިރޭގެ މެޗު އޮސްޓްރިއާ އިން ފަސޭހަކޮށް ނުނަގާނެއެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ތުރުކިޔޭ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ މައްސަލައެއް ނެތި، އެޓީމުގެ ހުރިހާ ކުޅުންތެރިންވެސް ފިޓުކޮށް ތިބުމެވެ. ނަމަވެސް މުހިންމު ދެ ކުޅުންތެރިން ސަސްޕެންޝަނުގައި ތިބުމަކީ އެ ޓީމަށް ލިބޭނެ ބޮޑު ހިތްހަމަ ނުޖެހުމެކެވެ. ސަސްޕެންޝަނުގައި ތިބި ދެ ކުޅުންތެރިންނަކީ ހަކާން ކަލްހަނޮގްލޫ އަދި ސަމެޓް އަކައިޑިންއެވެ.

މިރޭގެ މެޗަށް އޮސްޓްރިއާ އާއި ދެކޮޅަށް ތުރުކިޔޭ އިން ނެރޭ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛

ގޯލްކީޕަރު މެރޓް ގްނޮޓް، މުލްދުރު، ބާރޑަކްސީ، ޑެމިރަލް، ކާޑިއޮގްލޫ؛ އޮޒްކާން، ޔޫކްސެކް، ގުލަރ، ކޮއްކޫ، އަކްޓޫރްކޯގްލޫ، ޔިލްމާޒް.

އޮސްޓްރިއާ

އޮސްޓްރިއާ އަށް ބަލާއިރު، އެޓީމުން ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގްރޫޕް ސްޓޭޖުން ރަނގަ ނަތީޖާތަކެއް ހޯދައިގެންނެވެ. އެގޮތުން ވަރުގަދަ ފްރާންސް އާއި ނެދަލެންޑްސް ހިމެނުނު ގްރޫޕް ޑީގެ އެއްވަނަ އޮސްޓްރިއާއިން ހޯދިއެވެ. އެޓީމުން ގްރޫޕުގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ. އެއް މެޗުން ބަލިވެ، ހަ ޕޮއިންޓާއި އެކުގައެވެ.

މިރޭގެ މެޗަށް ނުކުންނައިރު، އޮސްޓްރިއާ އަށް ވެސް ލިބޭނެ އެންމެ ބޮޑު ހިންހަމަ ޖެހުމަކީ އެޓީމުގެ ހުރިކާ ކުޅުންތެރިންވެސް ފިޓްކޮށް ތިބުމެވެ. އެޓީމުން މިރޭގެ މެޗަށް ނުކުންނައިރު، ފުރަތަމަ އެގާރައަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ. އެގޮތުން އެޓީމުން މިރޭ ތުރުކިޔޭ އާއި ދެކޮޅަށް ނެރޭނީ އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ނެރުނު ފުރަތަމަ 11 ކުޅުންތެރިންކަމަށް ބެލެވެއެވެ.

މިރޭގެ މެޗަށް އޮސްޓްެރި އާއިން ތުރުކިޔޭ އާއި ދެކޮޅަށް ނެރޭ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛

ގޯލްކީޕަރު ޕެންޓްޒް، ޕޮޝް، ޑަންސޯ، ލިއެންހާޓް، އެމްވެނޭ، ސެއިވާލްޑް، ގްރިލިޗް، ޝްމިޑް، ބައުމްގާޓްނަރ، ސަބިޓްޒަރ، އާނައުޓޮވިޗް.

ދެވަނަ ބުރުގައި ތުރުކިޔޭ އަދި އޮސްޓްރިއާ ބައްދަލުކުރާ މެޗު ފެށާނީ މިރޭ ރައްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.