English Edition
Dhivehi Edition

ޔޫރޯ 2024 ގެ ގަދަ 16 ބުރުގައި ބެލްޖިއަމް ބަލިކޮށް ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗު ފްރާންސް ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ފްރާންސުންނެވެ. އެގޮތުން ފްރާންސުން ބެލްޖިއަމްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، ބެލްޖިއަމުންވެސް ވަނީ ކައުންޓާ އެޓޭކު ތަކުގައި ފްރާންސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވި 0-0 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ގިނަވަގުތު ބޯޅަ ިިހިފަހައްޓައިގެން ރަނގަޅަށް ކުޅެމުން އައީ ފްރާންސުންނެވެ.

މެޗުގެ ފަހުހާފުގެ ކުޅުން ނިމެން ވަރަށް ކުޑަތަން ވެފައި ވަނިކޮށް މެޗުގެ 85 ވަނަ މިނެޓުގައި ފްރާންސުން ވަނީ ލަނޑެއް ޖަހާ ލީޑު ހޯދާފައެވެ. މި ލަނޑަކީ ބެލްޖިއަމްގެ ވާޓޮންގެން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފްރާންސްގެ ކޯލޯ މުއާނީ ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާތެރޭގައި ހުރެ، ގޯލާއި އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާއެއް ބެލްޖިއަމްގެ ޑިފެންޑަރ ވާޓޮންގެންގެ ގައިގައި ޖެހިފައި ގޮސް ވަތް ލަނޑެކެވެ.

މި އާއި އެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ގޮސްފައިވަނީ 1-0 ގެ ލީޑެއްގައި ފްރާންސް ކުރީގައި އޮވެގެން، މުބާރާތުގެ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްގެންނެވެ.