ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ފްރާންސް އަދި ބެލްޖިއަމް މިރޭ ވާދަކުރާއިރު، މިއީ މިފަހަރުގެ މުބާރާތުގައި ފެނިގެން ދާނެ އެންމެ ވަރުގަދަ އެއް ކުރިމަތިލުމަށް ވެގެންދާނެކަން ޔަގީނެވެ.
ޔޫރަޕް ފުޓްބޯޅައިގެ ވަރުގަދަ ދެ ބާރު ކަމަށް ވާ ފްރާންސް އަދި ބެލްޖިއަން މިރޭގެ ކުރިމަތިލުމަށް ނުކުންނައިރު، މި ދެޓީމުގެ ކޯޗުންގެ ބަހުގެ ހަމަލާތަކަށް ވެސް ބަލާލުން މުހިންމެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ދެޓީމުގެ ކޯޗުންވެސް ވަނީ މިރޭގެ މެޗައި މެދު އުންމީދީ ވާހަކަތަކެއް ދައްކައިފައެވެ. އެގޮތުން މިރޭގެ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ބެލްޖިއަމްގެ ކޯޗު ޑިިމެނިކޯ ޓެޑެސްކޯ ބުނީ ފްރާސް ޓީމަކީ ޔޫރަޕުގައި މިވަގުތު އޮތް އެންމެ ވަރުގަދަ ކުޅުންތެރިން ތިބި ޓީމުކަމަށާއި، އެޓީމުގައި ތިބީ ހައްތަހާވެސް ތަރިންކަމަށެވެ. އަދި މީގެ ކުރިން ފްރާންސްގެ އަތްދަށުގެ ހިތި ތަހުރިބާތަކެއް ކުރަން ޖެހިފައިވީ ނަމަވެސް މިއީ މުޅިން އައު އަދި މުޅިން ތަފާތު މެޗެއް ކަމަށާއި، މާޒީވި ތަނުގައި ހިނގާފައިވާ ކަންކަން ހަނދާނަށް ގެނެސް އެވާހަކަތައް ދައްކަން ބޭނުން ނުވާކަމަށް ޓެޑެސްކޯ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ މާޒީ ވެދިޔަ ހިތި ހަނދާންތަކުގެ ވާހަކަ ދެއްކުމަކުން އަދި އެކަންކަން ހަނދާން ކުރުމަކުން ވާނެ ފައިދާއެއް ނެތް ކަމަށާއި މިރޭގެ މެޗަށް ނުކުންނަކީ މުޅިން އައު ޓީމަކާއި އެކު މުޅިން އައު މެޗަކަށް ކަމަށެވެ. އަދި މާޒީގައި ކޮންމެ ގޮތަކަށް ކަންވެފައި އޮތް ނަމަވެސް މިރޭގެ މެޗާއި ކުރިމަތި ލަނީ ފްރާންސް ބަލިކުރުމުގެ ވަރުގަދަ އަޒުމުގައި ކަމަށް ޓެޑެސްކޯ ބުންޏެވެ.
އޭނާ ބުނީ ބެލްޖިއަމް އަކީވެސް މޮޅެތި އަދި ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެއްކަމަށާއި އެހެންކަމުން އޭނާގެ ޓީމަށް ފްރާންސް ބަލި ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
” ފްރާންސް އަކީ މޮޅު ޓީމެއް. އެޓީމުގައި ތިބީ ހުސް ތަރިން. އެކަން އެނގޭ. އެހެން ނަމަވެސް މާޒީ ހަނދާންކޮށް އެކަމާއި ކަރުނައަޅާ ތިހާތަމަކުރުމުގެ ބޭނުމެއް ނެތް. މާޒީ އަކީ ހުރިހާ އެއްޗެއް ނޫން. އަހަރެމެންގެ ޓީމުގައި ވެސް ތިބީ ހުނަރުވެރި މޮޅު ކުޅުންތެރިން. ފްރާންސް ބަލިނުކުރެވެންވީ އެއްވެސް ސަބަބެއް ނެން. އަހަރެމެން ނުކުންނާނީ ފްރާންސް ބަލިކުރަން.” ބެލްޖިއަމް ކޯޗު ޑެޓެސްކޯ ބުންޏެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި އެކު އޮތް ބައްދަލުވުނުގައި ވަހަކަ ދައްކަމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ބުނީ މިރޭގެ މެޗަކީ އުނދަގޫ އަދި އެހާމެ ޓަފް މެޗަކަށް ވާނޭ ކަމަށާއި، ބެލްޖިމް ޓީމަކީ ހުނަރުވެރި ތަރިންތަކެއްގެ މައްޗަށް އެކުލެވިގެންވާ ޓީމެއްކަމަށެވެ. އެހެންކަމުން ބެލްނިއަމް އާއި ކުރިމަތިލުމަކީ ވަރަށް ބޮޑު ޗެލެންޖެއްކަމަށް ޑިޝޯމްޕް ބުންޏެވެ.
އޭނާ ބުނީ އިދިކޮޅުގައި ކިތަންމެ ވަރުގަދަ ޓީމެއް އޮތް ނަމަވެސް އެކަމާއި ނުވިސްނާކަމަށާއި ހުރިހާ ވިސްނުމެއް ވެސް ހުރީ މިރޭގެ މެޗުން މޮޅުވުމަށް ކަމަށެވެ. އަދި މެޗުން މޮޅުވުމަށް އެންމެ މުހިންމު ކަމަކީ ލަނޑު ޖެހުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުންކަމަށާއި މެޗެއްގައި ކުރުން އެންމެ މުހިންމު ކަމަކީ އެއީ ކަމަށް ޑިޝޯމްޕް ބުންޏެވެ. އަދި މެޗަކުން މޮޅުވަން ބޭނުން ނަމަ އެންމެ މުހިންމު ކަމަކީ ނަތީޖާ ނެރުންކަމަށް ވެސް އޭނާ ބުންޏެވެ.
” މިހާރު މިތިބީ މުޅިން ތަފާތު އައު މަރުހަލާއެއްގަ. މުބާރާތެއްގެ ގަދަ 16 ގައި ނުހިމެނޭނެ، ބަލި ޓީމެއް. އެކަން އަހަރެމެން ދަންނަން ޖެހޭނެ. އެކަމާ މާބޮޑު ފިކުރެއް ކުރާކަށް ނެތިން. ފިކުރު ކުރަންވީ މެޗުން ނަތީޖާ ނެރޭނެ ގޮތަކާއި މެދު. އެންމެ އިސްކަމެއް ދޭން ޖެހޭނެ އެންމެ މުހިންމުކަމަކީ ލަނޑު ޖެހުން. މޮޅުވަން ބޭނުން ނަމަ ކުރުން އެންމެ މުހިންމު ކަމަކީ އެއީ.” ފްރާންސް ކޯޗު ޑިޝޯމްޕް ބުންޏެވެ.
ފްރާންސް އަދި ބެލްޖިއަމް ވާދަކުރާ ފޯރިގަދަ މި މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9:00 ގައެވެ. މި މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ޑުސެލްޑޯފް އެރީނާ ސްޓޭޑިއަމުގައެވެ.