English Edition
Dhivehi Edition

ޖަރުމަނުގައި މިހާރު ފެށިގެން ކުރިއަށްދާ ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ވެސް މިހާރު ފެށިގެން ދަނީ ކުރިއަށެވެ. އެގޮތުން މިހާތަނަށް އެ ބުރުގެ ހަތަރު މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން މިރޭވެސް ދެވަނަ ބުރުގެ ދެ މެޗު ކުޅޭނެއެވެ. އެއީ ފްރާންސް އަދި ބެލްޖިއަމް ބައްދަލުކުރާ މެޗާއި އަދި ޕޯޗުގަލް އާއި ސްލޮވީނިއާ ބައްދަލުކުރާ މެޗެވެ.

މިރޭ ފްރާންސް އަދި ބެލްޖިއަން ބައްދަލުކުރާ މެޗަކީ ގިނަ ބައެއްގެ ސަމާލުކަން މިހާރުވެސް ހުއްޓިފައިވާ މެޗެކެވެ. ފޯރިގަދަ އަދި ބަލާހިތްވާ ކުޅުމެއް ފެނިގެންދާނެކަމަށް ބެލެވޭ މި މެޗަށް ގިނަ ބައަކު އަންނަނީ އިންތިޒަރު ކުރަމުންނެވެ.

މިރޭގެ މި މެޗަށް ފްރާންސް އަދި ބެލްޖިއަމް ނުކުންނައިރު، ދެޓީމުންވެސް ވަނީ މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

ފްރާންސް އަދި ބެލްޖިއަމް ދެވަނަ ބުރަށް ދަތުރުކުރި ގޮތަށް ބަލާއިރު، ބެލްޖިއަމް ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ އެޓީމު ހިމެނުނު ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ރޫމޭނިއާ، ޔޫކްރޭން، ސްލޮވާކިއާ ވެސް ހިމެނުނު މި ގްރޫޕުގެ ދެވަނަ ބެލްޖިއަމުން ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވެގެން ޖުމުލަ ހަތަރު ޕޮއިންޓު ހޯދައިގެންނެވެ.

ފްރާންސްއަށް ބަލާއިރު، އެޓީމު ދެވަނަ ބުރަށް ދަތުރުކުރީ އެޓީމު ހިމެނުނު ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އޮސްޓްރިއާ، ނެދްލެންޑްސް އަދި ޕޮލަންޑް ހިމެނުނު މި ގްރޫޕުގެ ދެވަނަ ފްރާންސް އިން ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެ ޖުމުލަ ފަސް ޕޮއިންޓު ހޯދައިގެންނެވެ.

ފްރާންސް އަދި ބެލްޖިއަމަށް ބަލާއިރު، މި ދެޓީމަކީ ޔޫރަޕް ފުޓްބޯޅައިގައި ވަރަށް ވާދަވެރި ދެޓީމުކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން މިހާތަނަށް މި ދެޓީމު 115 ފަހަރެއްގެ މަތިން ވަނީ ވާދަކޮށްފައެވެ. އޭގެތެރެއިން އެކުވެރިކަމުގެ 60 މެޗު ހިމެނޭއިރު، އަނެއް 55 މެޗަކީ ވާދަވެރިކަމުގެ މެޗުތަކެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ގިނަ މެޗުތަކެއްގައި ވާދަކޮށްފައިވީ ނަމަވެސް ފްރާންސް އަދި ބެލްޖިއަމް މީގެކުރިން ޔޫރޯ މުބަރާތުގެ ފައިނަލް ބުރުގައި ވާދަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ ފްރާންސްގައި 1984 ވަނަ އަހަރު އޮތް މުބާރާތުުގެ ގްރޫޕް ސްޓޭޖުގައެވެ. އެފަހަރު 5 ސުމެއްގެ ބޮޑު ތަފާތަކުން ބެލްޖިއަމްގެ މައްވަށް ކުރި ހޯދީ ފްރާންސް އިންނެވެ. އޭގެ ފަހުން މިހާތަނަށް ޔޫރޯ މުބާރާތުގެ ފައިނަލް ބުރުގައި މި ދެޓީމު ވާދަކޮށްފައެއް ނުވެއެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މި ދެޓީމު ވާދަކުރިއެވެ. ސެމިއުލް އުމިޓިޓީގެ ލަނޑާއި އެކު 0-1 ގެ ނަތީޖާއިން ބެލްޖިއަމް ބަލިކޮށް މުބާރާތުގެ ފައިނަލުން ފްރާންސް ޖާގަ ހޯދިއެވެ. އެންމެ ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައެވެ. އެ މެޗު ވެސް 2-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ފްރާންސުންނެވެ.

ފްރާންސް އަދި ބެލްޖިއަމްގެ ބައްދަލުކުރުންތަކުގެ ތާރީޚަށް ބަލާއިރު، ކުރި ލިބެނީ ފްރާންސް އަށެވެ. ބެލްޖިއަމްގެ ރަންޖީލާއި އެކުވެސް އެޓީމަށް ފަހުގެ ތާރީޚެއްގައި ފްރާންސްގެ މައްޗަށް ކުރި ހޯދިފައި ނުވުމަކީ މިރޭގެ މެޗުން ބެލްޖިއަމަށް ފްރާންސް ބަލިނުކުރެވޭނޭ ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ބުނާ އެންމެ ބޮޑު އެއް ސަބަބެވެ.

މިރޭގެ މެޗުގައި ބެލްޖިއަމްއާއި ދެކޮޅަށް ފްރާންސް އިން ނެރޭނެކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛

ގޯލްކީޕަރު މައިގްނަން، ކުންޑޭ، ސަލީބާ، އުފަމެކާނޯ، ހެނާންޑޭޒް، ކާންޓޭ، ޗުއަމެނީ، ރަބިއޮޓް؛ ގްރިޒްމަން؛ ތުރާމް، އެމްބާޕޭ.

މިރޭގެ މެޗުގައި ފްރާންސް އާއި ދެކޮޅަށް ބެލްޖިއަމުން ނެރޭނެކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛

ގޯލްކީޕަރު ކެސްޓީލްސް، ކަސްޓަގްނޭ، ފޭސް، ވަޓޮންގޭން، ތިއޭޓް، ޓިއެލެމަންސް، އޮނާނާ، ޑޮކޫ، ޑި ބްރޭނާ، ކަރަސްކޯ، ލުކާކޫ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ފްރާންސް އަދި ބެލްޖިއަމް ވާދަކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9:00 ގައެވެ. މި މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ޑުސެލްޑޯފް އެރީނާ ސްޓޭޑިއަމުގައެވެ.