އެމްޑީޕީ ސަރުކާރުގައި އެތައް ބިލިއަން ރުފިޔާއެއް ދައުލަތުގެ ފައިސާއިން އެސްއޯއީ ތަކަށް ޕަންޕު ކޮށް, ދައުލަތުގެ ކުންފުނިތަކުން ވެސް ލޯނު ނަގަމުން ދިޔައިރު, ދިވެހިރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ސިގުނަލް އޮތީ ލިބިފައިކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި “ދިވެހި ދައުލަތުގެ ދަރަންޔާ ބެހޭ ބިލް” ސަރުކާރުގެ ފަރާތުން ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވަމުން ވިދާޅުވީ, މިފަދަ ބިލެއް ސަރުކާރުން ހުށަހެޅުމުން, މި ސަރުކާރުން އިހުލާސްތެރިކަމާއެކު ފޯރުކޮށްދިނުމުގެ ވިސްނުން އެބައޮތްކަން ސާފުވާކަމަށެވެ.
“އެމްޑީޕީ ސަރުކާރުން އެސްއޯއީތައް ހިންގުމަށް ދައުލަތުގެ ތެރޭން މިލިއަނުން ބިލިއަނުން ފައިސާ ޕަމްޕުކުރަމުން ދިޔައިރު ފަހުވަގުތު އެސްއޯއީތަކުން ވެސް ހުދޫދެއް ނެތި.ދަރަނިތައް ނަގަމުންދިޔަކަން. އެއީ މި ދިވެހިރާއްޖެ ގޯސް މިސްރާބަށް ދާކަމުގެ ރަނަގަބީލު މާ ކުރިން ފެށިގެން އަޅަމުން ދިޔަ ހާލަތުގަ އެމްޑީޕީގެ ވެރިކަމުން ކަންތައް ކުރިގޮތް,” މަމްދޫހު މިއަދު ބިލު ހުށަހަޅުއްވަމުން ވިދާޅުވިއެވެ.
މި ބިލަކީ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ އެންމެ ހަރަދު ކުޑަވާނެގޮތަކަށް, ދިވެހިރާއްޖޭގެ އެތެރޭންނާއި ބޭރުން ދަރަންޏަށް ނަގާ ފައިސާ, އެންމެ ހަރަދު ކުޑަވާނެގޮތަކަށް ސަރުކާރަށް ބާރުއަޅާނެ ގާނޫނެއްކަމަށް ބިލު ހުށަހެޅުއްވި މެންބަރު ވިދާޅުވިއެވެ.