English Edition
Dhivehi Edition

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ އޮފީހުން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ އޮފީހުން ވިދާޅުވީ ވިއްސާރައިގައި ބައެއް ހިސާބުތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. މެދު ރާއްޖެތެރެއާއި ދެކުނަށް ވިއްސާރަވިޔަސް އުތުރުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް އެއޮފީހުން ލަފާކުރައްވައެވެ.

އިރުއުތުރާއި އިރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ވިލާގަނޑުގައި 30 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް މެދުރާއްޖެތެރޭގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް މަޑުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މެދުރާއްޖެތެރޭ ސަރަހައްދުގައި ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށްވެސް ވަނީ އެދިފައެވެ.

މޫސުމާ ބެހޭ އޮފީހުންވަނީ ބ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓްއެލާޓް ނެރެފައެވެ.