ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނު މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި މީމު އަތޮޅުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ފުރަތަމަ ބެޗުގައި 100 އަށްވުރެ ގިނަ ކުދިން ވަނީ ސަނަދު ހާސިލްކޮށްފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތަކެއް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިފައިވާ ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މިހާއްސަ ޕްރޮގްރާމްއަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެކެވެ.
އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިޔަށް ގެންދަނީ މައިގަނޑު 3 ބައެކެވެ. އެއީ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީން ހޯދައިދިނުމާއި، އިމާމުންނަށް ރާއްޖޭގައި އިތުރު ތަމްރީން ދިނުމާއި ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.
މިޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 40 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވިފައިވާކަންވެސް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ދެވަނަ ބުރުގެ 18 ބައިވެރިން ދަނީ ސަޢޫދީ ޢަރަބިއްޔާގައި ތަމްރީންތައް ފުރިހަމަކުރަމުންނެވެ. ފުރަތަމަ ބުރުގެ ބައިވެރިން ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތަމްރީން ހޯދާފައެވެ.
މިނިސްޓްރީގެ ޕޯސްޓްގައިވާ ގޮތުން، މިހާތަނަށް އިމާމުން ތަމްރީން ކުރުމުގެ އާ މަންހަޖުގެ ދަށުން 100 އިމާމުންނަށް ވަނީ ތަމްރީން ދެވިފައެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން ޢިލްމުވެރިންނާއި އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢު ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.