މި ޖޫންމަހުގެ 25 ވީ އަންގާރަ ދުވަހުގެ އިރު ފެނުން ތޮޅިލީ ދިވެހިން ސިއްސުވާފަދަ ހިތާމަވެރި ޚަބަރަކާއެކުގައެވެ. ވަކިން ޚާއްސަކޮށް އައްޑޫސިޓީގެ ރައްޔިތުންނަށް ކުއްލި ޝޮކެއް ގެނައި އެޚަބަރަކީ އައްޑޫސިޓީ ހިތަދޫއަށް އުފަން އެރަށު ނީލްގޭ މުޙައްމަދު އާރިފް، ޢާންމު ނަމުންނަމަ ބަކާ ކުއްލިގޮތަކަށް ޙާލުދެރަވެ އައިސީޔޫގައި ފަރުވާ ދޭން ފެށި ޚަބަރެވެ.
ކުޅިވަރުގެ މައިދާނުގައި މޮޅު ކުޅުމެއް ދައްކައި ރާއްޖެއަށް ފުޓްބޯޅައިން ރީތިނަން ހޯދައިދީގެން ދިވެހިންގެ ހިތްތަކުން ބަކާ ހޯދާފައިވާ ކުލުނާއި ލޯބި ހާމަކޮށްދިނީ އަވަސްޝިފާއަކަށް އެދި މީސްމީޑިއާގައި އެތައްބަޔަކު ފާޅުކުރި ހަމްދަރުދީގެ ޝުޢޫރު ތަކުންނެވެ. އޭގެ މާގިނަ އިރުތަކެއް ނުވަނީސް ދެން އިވުނީ މުޙައްމަދު އާރިފް މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކީ ޚަބަރެވެ. ޢުމުރުން އެންމެ 38 އަހަރުގައެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި އައިތާ 3 ވަނައަށް ވީ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މާތްﷲ އެމަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
މިއަދު އަޅުގަނޑުމެންނާއި ވަކިވެދިޔަ މުޙައްމަދު އާރިފަކީ އަމާޒަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތްކުރި ޚުލްގު ހެޔޮ ، އެކުވެރި މިޒާޖެއްގެ މީހެކެވެ. ސްކޫލް ދައުރު ނިންމުމަށްފަހު އޭނާ އަށް އައްޑޫ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމުން ފުރުސަތު ލިބި، އެދާއިރާއިން ހޯދި ތަމްރީންގެ އަލީގައި، އައިލޭންޑް ފުޓްބޯލް ކްލަބާއެކު ކުޅިވަރުގެ މައިދާނަށް ނިކުތީ ފޮނި ހުވަފެންތަކަކާއެކުގައެވެ. ފުޓްބޯޅައިގެ ކާމިޔާބު ދިގު ތާރީޚެއް އޮތް އައްޑޫގެ ދަރިން އެ މައިދާނުން އެއްކޮށް ގެއްލި ފަނޑުވެފައިވަނިކޮށް ބަކާގެ ޢަޒުމަކަށްވީ އޭނާފަދަ އައްޑޫގެ ކުޅުންތެރިންނަށް ރާއްޖޭގެ އެންމެ އިސްސަފުން ޖާގަ ކަށަވަރު ކޮށްގެން އެފަޚުރު ދެމެހެއްޓުމެވެ. އެއާއެކު ވިދާލި ވިދުވަރެއްހެން ކުޅަދާނަ މިޑްފީލްޑަރު ދިޔައީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުންނެވެ.
ޢުމުރުން އެންމެ 19 އަހަރުން ފެށިގެން ޗާލު ކުޅުމެއް ދައްކަމުން އިދިކޮޅު ޓީމްގެ ސަފުތައް ވިއްސިވިހާލި ކުރަމުން ކުޅުންގަނޑު ރޫޅާލަން އެފަދަ މޮޅު، ދެވަނަ ކުޅުންތެރިއެއް ދެކުނު އޭޝިޔާގައިވެސް ނެތްކަމަށް ދެކޭ އެތައްބަޔަކު އެބަތިއްބެވެ. ޑިފެންސާއި ހަމަޔަށް ބޯޅަ ދާނީ މެދުތެރޭގެ ހަމަލާތަކުން ފުރޭނިގެން ކަމަށްވެފައި ޑިފެންސް ލައިން ގެ ކުރިމަތިން އިދިކޮޅު ޓީމްގެ އެޓޭކްތަކަށް ރައްދުދީ، ޕްރެޝަރ ގެ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅު މިސްރާބަށް ފޮނުވުމުގައި ބަކާއަކީ ހުޝިޔާރު ފަހުލަވާނެކެވެ. ބަކާގެ އެރީތި ކުޅުމަށް ތަޢުރީފުކުރަނީ ރާއްޖެއިން އެކަންޏެއްނޫނެވެ. ބޭރުމީހުންގެ ދޫދޫމަތިންވެސް އެއީ ވަރަށް ފަރިތަ ނަމަކަށް ވިއެވެ. ބަކާ ވަނީ ރާއްޖޭގެ މަތީ ފަންތީގެ ގިނަ ޓީމްތަކަށް ކުޅެފައެވެ. އެގޮތުން އައިއެފްސީގެ އިތުރުން ވެލެންސިއާ، ވީބީ ، ނިއު ރޭޑިއަންޓް، ވިކްޓްރީ، މާޒިޔާ، އީގަލްސް އަދި ގްރީންސްޓްރީޓްސް ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން މިޔަންމާގެ ކޭބީޒެޑަށް ވެސް އެއް އަހަރު ބަކާ ކުޅުނެވެ.
ބަކާއަށް ވަނީ “ހަވީރު” ނޫހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް 2010 ގައި ލިބިފައެވެ. އޭނާވަނީ ސާފް ޗެމްޕިއަންޝިޕްގެ2008 އާއި 2018 ގެ ދެ މުބާރާތް ރާއްޖެ އަށް ކާމިޔާބުކޮށް ދިނުމުގައި އިސްދައުރެއް އަދާ ކޮށްފައެވެ. ޚާއްސަކޮށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހޯދައިދިނުމުގައި އޭނާ ދެއްކި މޮޅު ކުޅުމަށް ގިނަ ބައެއްގެ ތަޢުރީފް އޮހިފައިވެއެވެ. އަދި އޭނާ އަކީ ރާއްޖޭން 2009 ގެ ފައިނަލަށް ދަތުރުކުރިއިރު އެ މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
“ފަހުގެ ތާރީޚެއްގައި ދިވެހި ފުޓުބޯޅައިން ފެނުނު އެންމެ ހުނަރުވެރި، ވިދުންގަދަ، ފުޓުބޯޅައިގައި ދިވެހިރާއްޖެއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީގެ ހިއްސާދާރު، ހުނަރުވެރި މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ގެ ވަކިވެ ދިއުމަކީ ދިވެހި ފުޓުބޯޅަ އާއިލާއަށާއި ދިވެހި ކުޅިވަރަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.” މިއީ މި ކުޅުންތެރިޔާއާއި ބެހޭގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފާޅުކޮށްފައިވާ ޝުޢޫރެވެ.
ބަކާ މަޝްހޫރުވެފައިވަނީ ކުޅިވަރުގެ މައިދާނުން ކަމުގައިވިއަސް އޭނާގެ ޙަޔާތުގެ ކުރު ރާސްތާގައި ގިނަ ބަޔަކަށް އޭނާ މަޝްޣޫލުވެފައިވާތަން ފެނުނީ މަތިވެރިވެގެންވާ އިސްލާމް ދީނުގެ ޙުކޫމަތުގެތެރޭ ގައި މާތް ﷲ ފަރުޟު ކުރެއްވި ކަންކަން ގަވާޢިދުން އަދާ ކުރާ ކިޔަމަންތެރި އަޅެއްގެ ގޮތުގައެވެ. އޭނާއަކީ ފަރުޟު ފަސް ނަމާދާއި ދަމު ނަމާދާއި ރަމަޟާންމަހު ތަރާވީޙު ނަމާދު އާދަކުރުމުގައި ގަވާޢިދުން ފެންނަ މިސްކިތު “ފްރެންޑެއް” ކަމަށް މީހުން ސިފަކޮށްފައިވެއެވެ. އޭނާވަނީ އެތައް ބަޔަކަށް ހެޔޮ ފޯރުވާފައެވެ. އިންޓަނޭޝަނަލް އެއިޑް ކޭމްޕް މޯލްޑިވްސް އިން ވަނީ އާރިފް އެ ޖަމްޢިއްޔާގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރި ވެދެއްވާކަން ފާހަގަކޮށް އޭނާގެ ވަކިވުމުގެ ހިތާމަ ފާޅުކޮށްފައެވެ. ޙައްޖުގެ އަޅުކަމުގައި ބަކާއާއެކު އުޅުއްވި އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދުވެސް ވަނީ ބަކާގެ ޚުލްގުހެޔޮ ސަކަ މިޒާޖާގުޅޭގޮތުން ޚިޔާލު ފާޅު ކުރައްވާފައެވެ. “ފަތިސް ނަމާދަށް ވޭކަޕް ކޯލް ދިނުމާއި ގަޑި އަށް މީހުން ހަމަ ކުރުމުގައި ލީޑް ކުރި. އެކުގައި ދިޔަ ގްރޫޕްގެ އެންމެ ދޮށީ ބޭފުޅާގެ ހުރިހާ ކަމެއް ހައްޖުގެ އަޅުކަން ފެށިގެން ނިމެން ދެން ބެލެއްޓީ އަމިއްލަ ބައްޕަ ފަދައިން.”ޝަމްޢާން ވިދާޅުވިއެވެ.
މިއާއެކު އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވެސް ވަނީ ބަކާއާއި ޢަލީޒާހިރުއާއި އެންމެ ފަހުން ދެކެވުނު ވާހަކަ ޙިއްސާ ކުރައްވާފައެވެ. އަލީޒާހިރުގެ އަރިހުން ބަކާ އެދިފައިވަނީ 100 ދުޢާ އެކުލެވޭ ދުޢާފޮތެއް ފޮނުވައި ދެއްވުމަށެވެ. ލިބިފައިވާ ފުޓްބޯޅައިގެ ހުނަރު އެހެންމީހުންނަށް ދަސްކޮށްދިނުމުގައިވެސް ބަކާއަކީ އަރާހުރި ކުޅުންތެރިއެކެވެ. އަމިއްލަ އިންސްޓިޓިއުޓެއް އުފައްދައިގެންވެސް އެރޮނގުން މީހުން ބިނާކުރުމާއިގެން އުޅެފައިވެއެވެ.
ބަކާ ނިޔާވުމާއި ގުޅިގެން އޭނާގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، މުޙައްމަދު އާރިފް ނިޔާވުން އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމުގައެވެ.
“ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ގައުމަށް ފަޚުރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް،” ރައީސް މުއިއްޒު ވިދާޅުވި އެވެ.ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ މީސް މީޑިޔާ މެދުވެރިކުރައްވައި މަރްޙޫމް މުހައްމަދު ޢާރިފްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ވޭތުވެ ދިޔަ މަޖިލިސް އިންތިޚާބު އައުމުގެ ކުރިން އަޅުގަނޑަށް ބަކާ އާއި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނެވެ. ބަކާބުނީ ވަރަށް ގިނަ ބަޔަކު އައްޑޫގެ މަޖިލިސް ގޮނޑިއަށް ކުރިމަތި ލުމަށް އޭނާގެ ކިބައިން އެދެމުން އަންނަ ކަމަށާއި އެހެން ނަމަވެސް އޭނާ އެކަމަށް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ބަކާބުނީ އުތުރު ދާއިރާއަށް ބޭނުންވަނީ ބަދަލެއް ކަމަށާއި އެކަން ކުރެވޭނެ ގާބިލް ކޮންމެ މީހަކު ނުކުތަސް ތާއީދު ކުރާނެކަމަށެވެ. ކަންހިނގީވެސް ބަކާ އެބުނިފަދައިންނެވެ. އެ އިންތިޚާބުގެ ކެންޕެއިންތެރޭ ރަށަށް އައިސް ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އޭނާ ހިތްވަރު ކުރިއެވެ. އެދަނޑިވަޅު ވެގެންދިޔައީ އައްޑޫގައިތިބި ބަކާގެ އާއިލާއާއި ރައްޓެހިންނާއި ބައްދަލުވެ ގިނަ ބަޔަކަށް ބަކާއާއެކު ވަގުތު ހޭދަކޮށްލަން ލިބުނު ފުރުސަތަކަށެވެ.
ޤައުމަށް އެންމެ ބޭނުންވާފަދަ ޝަޚްސިއްޔަތެއްގެ ވެރި، ބަކާ އެދިޔައީ މުޅި ދިވެހި ޤައުމު ރޮއްވާލާފައެވެ. ޢިބްރަތުން ފުރިފައިވާ އެތަށް ފިލާވަޅެއް ދޫކޮށްފައެވެ. އަދުގެ ޒުވާން ޖީލަށް ފަޚުރުވެރި ދަރިއެއްގެ ނަމޫނާ ދައްކައިދީފައެވެ. މިއަދު އަޅުގަނޑުމެންގެ ލޯމަތިން ބަކާ ގެއްލުނުކަމުގައިވިޔަސް އޭނާގެ ހަނދާންތައް ދިވެހިންގެ ހިތަކުން ދުވަހަކުވެސް ފޮހެވިގެނެއް ނުދާނެއެވެ.